Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

އައްޑޫ މާރާމާރީ: ތިން މީހަކު ދޫކޮށްލައިފި

މި މަހުގެ ކުރީކޮޅު އައްޑޫ ފޭދޫގައި މާރާމާރީއެއް ހިންގައި ޒުވާނަކު މަރާލި މައްސަލައިގެ ތެރެއިން ހައްޔަރުކުރި ތިން މީހަކު ދޫކޮށްލައިފި އެވެ.

ފުލުހުން ބުނި ގޮތުގައި ދޫކޮށްލި ތިން މީހުންނަކީ މާރާމާރީގެ ތުހުމަތުކުރެވޭ ބަޔަކު ހައްޔަރުކުރަން އުޅުމުން ރަށުގެ އަމާންކަން ނަގާލުން އުޅުނުކަމުގެ ތުހުމަތަށް ހައްޔަރުކުރި ތިން މީހުންނެވެ. އެއީ 29 އަހަރުގެ މީހަކާއި 18 އަހަރުގެ ދެ މީހެކެވެ. ފުލުހުން ބުނި ގޮތުގައި އެ މީހުން އިއްޔެ ދޫކޮށްލީ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ކޯޓުންނެެވެ.

މާރާމާރީގައި މަރާލި ޒަޔާން.

ފޭދޫ ސޮލިޑް މުހައްމަދު ޒަޔާން މޫސާމޫސާ، 21، މަރާލި މައްސަލައިގެ ސީދާ ތުހުމަތަށް ފުލުހުން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ދެ ކުއްޖެކެވެ. އެއީ އުމުރުން 16 އަހަރާއި 15 އަހަރުގެ ކުއްޖެކެވެ. އެ ކުދިންގެ ތެރެއިން 16 އަހަރުގެ ކުއްޖާ ހައްޔަރުކުރީ މި މަހުގެ 5 ވަނަ ދުވަހުގެ ރެ އެވެ. އަދި 15 އަހަރުގެ ކުއްޖާ ހައްޔަރުކުރީ މި މަހުގެ 6 ވަނަ ދުވަހުގެ ރެ އެވެ.

ތޫނު އެއްޗެހި ބޭނުންކޮށްގެން މި މަހުގެ 2 ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ޒަޔާން މަރުވީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ޖެހިގެން އައި ދުވަހު ހެނދުނު އެވެ.