Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ވެއިޓަރުގެ މަރު: ޝެފަށް ދައުވާކޮށްފި

ހުޅުމާލޭ ޚާންޖީ ރެސްޓޯރެންޓްގައި މަސައްކަތްކުރި ބިދޭސީ ވެއިޓަރަކު މަރާލި މައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާ އަށް ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ޕާކިސްތާނު ރައްޔިތެއް ކަމަށްވާ މުހައްމަދު އާބިދު، 16 އެޕްރީލް 2022 ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ނިރޮޅުމަގު 19 ނަންބަރު ގޯޅިގައި ހުންނަ ޚާންޖީ ރެސްޓޯރެންޓްގެ ބަދިގެ ތެރޭގައި ބަންގްލަދޭޝްގެ ރައްޔިތަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި މުޙައްމަދު އާބިދުގެ މައްޗަށް ދައުވާ ކޮށްފައިވާކަމަށެވެ.

އޭނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

އާބިދަކީ އެ ރެސްޓޯރެންޓްގެ ޝެފެވެ. އޭނާ ހަމަލާދީ މަރާލާފައިވަނީ އެ ރެސްޓޯރެންޓްގެ ވެއިޓަރެކެވެ.

މިމައްސަލައާ ގުޅިގެން އާބިދު މިވަގުތު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ޕާކިސްތާނު ކައްކާގެ ހަމަލާއަކުން މަރުވެފައިވަނީ އެމްޑީ ޝާހިން ،29، ނަމަކަށް ކިޔާ ފިރިހެނެކެވެ. ޝާހިންގެ އާއިލާގެ އެދުމަށް އޭނާގެ ހަށިގަނޑު ވަނީ ބަންގްލަދޭޝަށް ފޮނުވާލާފައެވެ.