Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ޕެންޝަން ސިޔާސަތު ތަރުތީބުކޮށްދޭން އެދިއްޖެ

ފޮޓޯ: އެމްއެންޕީ

ޕެންޝަން ސިޔާސަތު ތަރުތީބު ކޮށްދިނުމަށް އެދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފިއެވެ.

އެކަމާ ގުޅިގެން އެމްއެންޕީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހި ރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ކަންކަން، ގައުމަށް އެތައް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޕެންޝަންގެ ހައްގުވެރިންނަށް އެންމެ އެދެވޭގޮތެއްގައި ލިބެމުން ނުދާކަމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް ދައުލަތުގެ ޕެންޝަން ސިޔާސަތު ތަރުތީބުކޮށް ދެއްވުމަށް އެދި 16 ޖޫން 2022 ރައީސް ސޯލިހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

މިމައްސަލަ އެމްއެންޕީގެ ފަރާތުން މަޖިލީހަށް މީގެކުރިން ހުށަހެޅިއިރު މަޖިލީހުން މިމައްސަލަ ވަނީ ބޭރުކޮށްލާފައެވެ.

އެމްއެންޕީން ބުނެފައިވަނީ މި ޤާނޫނާގުޅޭގޮތުން އެ ޕާޓީއިން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި މިޤާނޫނު ވުޖޫދުވެ ތަންފީޒުކުރެވެން ފެށިގެން މިއަދާއި ހަމަޔަށް މިޤާނޫނުގެ މަޤްސަދުތަކާއި، ލާޒިމްކޮށްފައިވާ ޒިންމާތަކާއި މިޤާނޫނުން ކަނޑައަޅާފައިވާ ކަންކަން އެންމެ އެދެވޭ ގޮތެއްގައި ބައެއް ޕެންޝަންގެ ހައްގުވެރިންނަށް ލިބިދެމުން ނުދާ ކަމަށެވެ.

"ޅައުމުރުން ފެށިގެން އެތަކެއް އަހަރުތަކެއް ވަންދެން ދައުލަތަށް ހިދުމަތްކޮށްފައިވާ މީހާއަށް ސަރުކާރުން އޯލްޑް-އޭޖް ޕެންޝަންގެ ގޮތުގައި ދޭ ޢަދަދާއި، މުޖުތަމަޢަށް ގެއްލުންވާހެން އުމުރުގެ ބޮޑުބައި ހޭދަކުރި މީހާއާ އެއްވެސް ތަފާތެއް ނެތްފަދައިން ޕެންޝަން ދިނުމަކީ އެންމެ އިންސާފުވެރި ގޮތެއް ކަމަށް މި ޕާޓީއިން ނުދެކެއެވެ." އެމްއެންޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން އެމްއެންޕީން ބުނެފައިވަނީ ދައުލަތަށް ހިދުމަތް ކުރުމަށްފަހު "ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު" ވުޖޫދަށް އައުމުގެ ކުރިން ހިދުމަތުން އެއްފަރާތަށް ވަޑައިގެންނެވި ބޭފުޅުންނަށް، އޯލްޑް-އޭޖް ޕެންޝަންގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ފައިސާ ދިނުމަށް އޮތް ހުރަހަކީ އެކަމަށް ހިނގާނެ ބޮޑު ހޭދަކަމަށް ޕެންޝަން އޮފީހުން މައުލޫމާތު ދީފައިވީނަމަވެސް އެއީ އަސްލެއްގެ މައްޗަށް ދެކެވޭ ވާހަކައެއްކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އެމްއެންޕީން ވަނީ ޤައުމަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އިސްރަށްވެހިންގެ ހިދުމަތްތަށް އަގުވަޒަންކޮށް، އިންސާފުވެރިކަމާއެކީ ޕެންޝަން ލިބޭނެ ގޮތަކަށް ދައުލަތުގެ ޕެންޝަން ސިޔާސަތު ބައްޓަންކޮށްދެއްވުމަށް ސިޓީގައި އެެދިފައިވާނެކަންވެސް ފާހަގަކޮށްފައެވެ.