Last Updated: April 19, 21:43
Friday, April 19, 2024
ވިޔަފާރި

ސޯލާ ކާރު ނެރުން ނޮވެމްބަރަށް

ސޯލާ ހަކަތައިން ދުވާ ގޮތަށް އުފައްދާ ކާރު މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބާޒާރަށް ނެރެން އަމާޒު ހިފައިފި އެވެ.

"ލައިޓްއިޔާ 0" ގެ ނަން ދީފައިވާ މި ކާރު އުފައްދަނީ ޑެންމާކްގެ ކުންފުންޏެއް ކަމަށްވާ ލައިޓްއިޔާއިންނެވެ. އެތަނުން މީގެ ޕްރޮޓޯޓައިޕް ދައްކައިލީ މީގެ ދެ އަހަރު ކުރިންނެވެ. ލައިޓްއިޔާ އިން އުފައްދާ ސޯލާ ކާރު ވާނީ މިހާތަނަށް ދުނިޔޭގައި އުފައްދާ މި ބާވަތުގެ ފުރަތަމަ ކާރަށެވެ. އެ ކުންފުނިން ބުނި ގޮތުގައި ސޯލާ ނުވަތަ އިރުގެ ހަކަތައިން ދުވާ ކާރުގެ ޕްރޮޑަކްޝަން އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރަސްމީކޮށް ފަށާނެ އެވެ. އަދި އަމާޒަކީ އެންމެ ލަސްވެގެން ވެސް ކާރު ނޮވެމްބަރު މަހުގެ ތެރޭގައި ވިއްކަން ފެށުމެވެ.

"ލައިޓްއިޔާ 0" ގައި ސޯލާ ޕެނެލްތައް ހުންނާނީ ކާރުގެ މަތީގަ އާއި ހުޑާއި ޓްރަންކް އެވެ. އަދި މިއީ ފުލް ޗާޖްގައި ހުއްޓާނުލައި 338 މޭލުގެ ރާސްތާއަކަށް ދަތުރުކުރެވޭނެ ގާބިލުކަން ހުންނާނެ އެއްޗެކެވެ. ލައިޓްއިޔާ އިން ބުނި ގޮތުގައި އިރުގެ ހަކަތަ ލިބޭ ތަނެއްގައި ކާރު އޮންނަ ކޮންމެ ގަޑިއަކީ ހަ މޭލުގެ ރާސްތާއަކަށް ބޭނުންވާ ހަކަތަ އުފައްދައި ރައްކާކުރާނެ ވަގުތެކެވެ.

ސޯލާ ކާރު އުފެއްދުމާއި ނެރުމުގެ ޕްލޭނާ ބެހޭ ގޮތުން ލައިޓްއިޔާ އިން ވާހަކަ ދެއްކި ނަމަވެސް އެ ވިއްކާނެ އަގަކާއި އާންމުކޮށް ދުނިޔޭގެ ބާޒާރަށް ނެރޭނެ އިރެއް އަދި ހާމައެއްނުކުރެ އެވެ.

ތިމާވެއްޓާ ރައްޓެހި ކާރު އުފެއްދުމަކީ ކާރު އުފައްދާ ބޮޑެތި ކުންފުނިތަކުގެ ވެސް މިހާރު އެންމެ ބޮޑު އެއް އަމާޒެވެ. އެގޮތުން އިލެކްޓްރިކް ކާރު އުފައްދަން މަސައްކަތްކުރާ ކުންފުނިތައް އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. މި ބާވަތުގެ ކާރު އުފެއްދުމުގައި މި ވަގުތު ރަސްކަންކުރަނީ މަހުޖަނު އީލޮން މަސްކްގެ ޓެސްލާ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސްޕެއިނާއި ޕޯޗްގަލްގެ ކުންފުނިތަކަކުން ވެސް ސޯލާ ކާރު އުފެއްދުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އަންނަ އަހަރު އިތުރު ކުންފުނިތަކަކުން ކާރު އުފެއްދުމުގެ މަސައްކަތް ފަށާނެ އެވެ.