ސަފާރީއެއްގައި އަލިފާން ރޯވުމުގެ ސަބަބުން އޭގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ 16 ޖޫން 2022 ވީ ދުވަހުގެ ރޭ 22:51 ހާއިރު ކ.ގާފަރާއި ދިމާ 13 މޭލު ހުޅަނގުން، 03 ފަތުރުވެރިން އަދި 06 ފަޅުވެރިންނާއެކު ދަތުރު ކުރި "އަވި" ނަމަކަށް ކިޔާ ސަފާރީއެއްގައި ރޯވެ އަނދަމުން ދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ފަޔަރު ލޯންޗު ،ހާބަރކްރާފްޓް އަދި ސީ އެމްބިއުލާންސް، މީހުން ސަލާމަތް ކުރުމަށް ހަރަކާތް ތެރިވަމުން އަންނަ ކަމަށެވެ.
ސަފާރީ އުޅަނދުގެ ކްރޫއިންނާއި ފަސެންޖަރުން ތިބީ ސަފާރީގެ ޑައިވިންގް ދޯނީގައި ހެޔޮހާލުގައި ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ. އަދި ޑައިވިންގ ދޯނީގައިތިބި މީހުން މިހާރު ކޯސްޓްގާޑްގެ ސީއެމްބިއުލާސްގެ އެހީތެރިކަމާއިއެކު ކ.ގާފަރަށް ދަތުރުކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.