Last Updated: August 18, 09:23
Thursday, August 18, 2022
ޚަބަރު

އިޒްރޭލާއި އިންޑިއާ ތަފާތެއް ނެތް: ޔާމީން

އިޒްރޭލުގެ ޔަހޫދީންގެ އަނިޔާވެރިކަން ފަލަސްތީނުގެ މުސްލިމުން ހުއްޓުމެއް ނެތި ތަޖުރިބާކުރަމުން އަންނަ އިިރު، މިއަދު އިޒުރޭލާއި އިންޑިއާއާ ދެމެދު އެއްވެސް ތަފާތެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރޭ ޕީޕީއެމުމް "ނަބިއްޔާގެ ދިފާއު" ގެ ނަމުގައި ބޭއްވި ޖަލްސާގައި ޔާމީން ވަނީ އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ އިސްވެރިންތަކެއް ރަސޫލާއި އިިސްލާމް ދީނަށް ފުރައްސާކޮށްފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެފަދަ އަމަލުތަކަކީ އިންޑިއާ އަކީ ރާއްޖެއާ ކިތަންމެ ގާތް ގައުމަކަށް ވިޔަސް ބަލައިގަނެވޭނެ ފަދަ އަމަލެއް ނޫން ކަމަށާއި އިސްލާމް ދީނާ ދެކޮޅަށް މަސައްކަތްކުރާ ކޮންމެ ބަޔަކާ ދިވެހިން އަބަދު ވެސް ދެކޮޅު ވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އިންޑިއާ އަކީ މިހާރު ތުއްތުކުދިންނަށް ކިޔައިދޭ ލަވަތަކާއި ފިލާވަޅުތަކުގައި ވެސް މުސްލިމުންނަށް ނަފުރަތު އުފެއްދުމަށް ބޮޑު އިސްކަމެއްދޭ ގައުމެއް ކަމަށާއި މުސްލިމުންނަށް އިތުބާރުނުކުރުމަށް ކިޔައިދޭކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެމީހުންގެ މުޅި ތީމުގަ މި އޮންނަނީ އިސްލާމުންނަށް އިތުބާރުނުކުރުމާއި، އިސްލާމުންދާށޭ ޕާކިސްތާނަށް." ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެ މީހުން ބުނާ ގޮތްގޮތަށް އަމަލުނުކުރާ މީހުން މަރަން ވެސް އިންޑިއާ ގޮވާކަމަށެވެ. އަދި ފަލަސްތީން ވެސް ނިމިދިޔައީ އިސްރާއީލުގެ ފަރާތުން އެފަދަ ކަންކަން ކުރިމަތިވުމުންކަމަށް ވިދާޅުވި އެވެ.

"މިކަމުގައި އެއްވެސް ތަފާތެއް ނެތެއް ނޫންތޯ. މި ތަނުގައި [އިންޑިއާގައި] ވެސް ނަގައިދެނީ ހަަމަ މި ފިލާވަޅެއް ނޫންތޯ؟" ރައީސް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ވެރިކަން އައި ފަހުން އިސްލާމް ދީނާ ދެކޮޅަށް އެކި ފެންވަރުގައި ކުރެވޭ މަސައްކަތައް އިތުރުވަމުންދާ ކަމަށެވެ. އެމްޑީއެން އާއި އުތެމާ ފަދަ ޖާމައަތްތަކަކީ އޭގެ ބައެއް މިސާލުތައް ކަމަށް ވިދާޅުވި އެވެ.

"އެއްވެސް މުޖުތަމެއްގެ ތެރޭގައި ބުއްދުވެރިއަކު ނުކުރާނެ ދެކަމެއް އޮވޭ. އެ ދެކަމަކީ އެބައެއްގެ ދީނާ ބެހުން. ދެވަނަ ކަމަކީ އެބައެއްގެ ސަގާފަތާބެހުން،" ޔާމީން ވިދާޅުވި އެވެ.