Last Updated: June 29, 21:20
Monday, June 29, 2026

ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން މީހަކު ހައްޔަރު!

ސ. ހިތަދޫގައި 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ އެކު ބަދު އަހްލާޤީ އަމަލު ހިންގިކަމުގެ ތުހުމަތުގައި 43 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި އިއްޔެ ހަވީރު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައި ވަނީ ހިތަދޫ، ވައިލެޓްފެހި، އަބްދުﷲ ނަސީރެވެ.

ހިތަދޫ ފެނަކަ ކޯޕަރޭޝަންގައި މަަސައްކަތް ކުރަމުން އަންނަ ނަސީރަޕީޕީއެމްގެ ހިތަދޫ އިސް އެކްޓިވިސްޓެކެވެ. އޭނާ އިއްޔެ ހައްޔަރު ކޮށްފައިވަނީ "ރެޑްހޭންޑްކޮށް" ކަމަށް އެ ހިސާބުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މި ހާދިސާ އާ ގުޅިގެން ނަސީރު ނުވަ ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން މިއަދު ވަނީ މުއްދަތު ޖަހައި ދީފަ ފައެވެ.

ކުޑަ އަންހެން ކުއްޖަކާ އެކު ބަދްއަހްލާގީ އަމަލް ހިންގި ކަމުގެ ރިޕޯޓެއް ފުލުހުންގެ ފަރާތުން ލިބިފައިވާ ކަމަށް އައްޑޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސެންޓަރުން ވެސް ވަނީ ބުނެފަ އެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ޗިލްޑްރަންސް ސެންޓަރުން ބަލަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.