ށ. ފުނަދޫ ސްކޫލުގެ 50 އަހަރުގެ ދިގު ތާރީހުގައި ބިނާކޮށްދީފައިވާ އިންސާނީ ވަޞީލަތްތަކަކީ އެ ސްކޫލުން މުޖުތަމަޢަށް ދޫކުރި ވަރަށް އަގުހުރި ހަދިޔާއެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
އެ ސްކޫލަށް 50 އަހަރު ފުރުނު ރަންޔޫބީލް މުނާޞަބާ ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ވަނީ ފުނަދޫ ސްކޫލުން ދަރިވަރުވެފައިވާ ބޭފުޅުންކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ އެ ސްކޫލަކީ ރާއްޖޭގައި އިސްލާމް އަދި ދިވެހި މާއްދާއިން ފާސްވާ ޕަސެންޓޭޖް އެންމެ މަތީ ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ސްކޫލެއް ކަމަށެވެ. އަދި މިދިޔަ އަހަރު، އޯލެވެލް އިމްތިހާނުގައި އެ ސްކޫލުން ހޯދާފައިވާ ކާމިޔާބީ އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
މި ޖަލްސާގައި ރައީސް ވަނީ ސަރުކާރުން ތަޢުލީމީ ސިޔާސަތު ކުރިޔަށްގެންދަވާ ގޮތުގެ މައްޗަށްވެސް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން މިހާރު ސަރުކާރުގެ ވިސްނުމަކީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް، ހުރިހާ ކުދިންނަށް ކިޔަވައި ދީގެން ހުނަރުވެރި ފަންނުވެރި އަދި ބިނާކުރަނިވި ޖީލެއް އުފަންކުރުންކަމާއި އަދި މުޖުތަމަޢުގެ ބަދަހިކަން ދަމަހައްޓައި، ލާމެހިގެން އުޅެން ލޯބިކުރާ ޒުވާނުންތަކެއް އުފެއްދުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ޑިގްރީއާ އަދި ރާއްޖޭން ބޭރުން ކިޔެވުމަށް ސަރުކާރުން ފުރުޞަތުތައް އިތުރުކޮށްދެއްވާފައިވާ މައިގަނޑު އަމާޒަކީ ވެސް ޒަމާނީ ޢިލްމުގެ އަލީގައި މީހުން ބިނާ ކުރުންކަމުގަ އެވެ.
"ތިޔަ ކުދިން ކިޔަވާއިރު ވެސް، ހަމައެކަނި ފޮތުގައި ލިޔެފައި އޮންނަ އެއްޗަކަށް ވިސްނުމުގެ އިތުރުން، ވަށައިގެން ހިނގާ ކޮންމެ ކަމަކާ މެދު ވެސް ވިސްނަންޖެހޭނެ. މުޅި މުޖްތަމަޢާ މެދު ވިސްނުން ހިންގަންޖެހޭނެ. މި ރަށާއި މި އަތޮޅުގެ ޙާލަތާއި، އެ ޙާލަތު އެއަށް ވުރެ ރަނގަޅު ކުރެވޭނެ ގޮތްތަކާ މެދު ވެސް ވިސްނަންޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ސަރުކާރުން މުޅި ރާއްޖޭގެ ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށް ކުރާ މަސައްކަތްތަކާއި ތަޢުލީމީ ދާއިރާއަށް ސަރުކާރުން ގެންނަވަމުން އަންނަ ހެޔޮ ބަދަލުތަކުގެ މައްޗަށް ވެސް އަލިއަޅުއްވައިފަ އެވެ. އެގޮތުން ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށް ރާވާފައިވާ 203 މަޝްރޫޢެއްގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިއަށްދާކަމާއި އަދި މިދިޔަ މަހުން ފެށިގެން ޓީޗަރުންގެ މުސާރައަށް ސަރުކާރުން ގެންނެވި ހެޔޮ ބަދަލުތައް ގެންނެވިކަން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް ހެދުމުގެ މަޝްރޫޢެއް ކުރިޔަށްދާކަން ފާހަގަކުރައްވައި މިހާރު ސްކޫލަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ، ސްޓާފް ރޫމެއް ހިމެނޭ ގޮތަށް އޮފީސް އިމާރާތެއް ހެދުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށް ގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ރައީސް ވަނީ ފުނަދޫގެ ތަރައްގީ އަށް ކުރިއަށް ގެންދަވާ މުހިންމު ބައެއް މަޝްރޫޢުތަކަށް ވެސް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން އެ ރަށުގެ ރައްޔިތުން އެދިފައިވާ ގޮތަށް، ބިން ހިއްކާ ރަށްރަށުގެ ލިސްޓުގައި ފުނަދޫ ހިމަނައި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެމަސައްކަތް ފަށްޓަވަން ނިންމަވާފައިވާކަމަށާއި ރަށްގިރުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމުގެ މަސައްކަތް ވެސް ލަސްތަކެއް ނުވެ ސަރުކާރުން ކުރިޔަށްގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.
މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ފުނަދޫ ސްކޫލު އުފައްދަވައި އެ ސްކޫލަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ރަންޔޫބީލް ޝަރަފުގެ ފިލާ ހަވާލުކޮށްދެއްވާފަ އެވެ. ފުނަދޫ ސްކޫލުގެ ރަންޔޫބީލް ޝަރަފުގެެ ފިލާ ލިބިވަޑައިގެންނެވީ އެ ސްކޫލުގެ ބާނީ ފުނަދޫ އަލިވާގޭ އަލް މަރްޙޫމް ޢަބުދުﷲ ޢަބުދުލް ކަރީމަށާއި މަކްތަބުގެ މުދައްރިސް ޢަބުދުލް ހާދީ ޔޫސުފަށެވެ.
މީގެ އިތުރުން ސްކޫލަށް 15-19 އަހަރާ ދެމެދު ޚިދުމަތްކުރެއްވި ބޭފުޅުންނާއި 20 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި ބޭފުޅުންނަށް ވެސް ހަނދާނީ ފިލާ ހަވާލުކޮށްދެއްވި އެވެ.
ފުނަދޫ ސްކޫލް އުފެދިފައި ވަނީ މަކްތަބުލް މުނީރުގެ ނަމުގައި މާޗް 16، 1972 ގަ އެވެ.