Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އެމްއާރްއެމްގެ ރައީސް، ބައެއް ސަފީރުންނާ ބައްދަލުކޮށްފި

އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން، ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ބައެއް ސަފީރުންނާ ބައްދަލުކުރައްވައިފިއެވެ.

އެމްއާރްއެމްގެ ލީޑާޝިޕްގެ ބޭފުޅުން އެކި ސަފީރުންނާ ބައްދަލުކުރައްވާފައިވާއިރު އެމްއާރްއެމްގެ ސްޕޯކްސްޕާސަން އިސްމާއީލް ނާއިލް ނަޝީދު "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މީގެތެރެއިން ބައެއް ބައްދަލުވުންތަކަކީ އެމްއާރްއެމްގެ އެދުމަށް ކުރިއަށްގެންދުވުނު ބައްދަލުވުންތައް ކަމަށާއި، އަދި ބައެއް ބައްދަލުވުންތައް ކުރިއަށްގެންދެވިފައިވަނީ ސަފީރުންގެ އެދުމުގެ މަތިން ކަމަށެވެ.

ނާއިލް މައުލޫމާތު ދެއްވިގޮތުގައި އެމްއާރްއެމްގެ ރައީސް ފާއިސް ވަނީ މިދިޔަ މަހުގެ ތެރޭގައި ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާވެސް ބައްދަލުކުރައްވާފައެވެ. އަދި ބަންގްލަދޭޝުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރާވެސް ބައްދަލުކުރައްވާފައިވެއެވެ. އަދި އެންމެފަހުން ބައްދަލުކުރައްވާފައިވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރާއެވެ.

މިބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ އެމްއާރްއެމްގެ މިހާރުގެ ލީޑާޝިޕް އެބޭފުޅުންނަށް ތައާރަފްވެލުން ކަމަށާއި، އަދި ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށް ނާއިލް ވިދާޅުވިއެވެ.