Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ބިދޭސީންތަކެއް މިސްކިތެއްގައި "ދިރިއުޅޭ" ވީޑިއޯއެއް

ރާއްޖޭގެ ރަށެއްގެ މިސްކިތެއްގައި ބީދޭސީންތަކެއް "ދިރިއުޅެމުން" އަންނަ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފި އެވެ.

މި ވިޑިއޯ މިއަދު އާންމުކުރެއްވީ މާލެ ސިޓީ ކައުންސިލްގެ މެމްބަރެއް ކަމަށްވާ އިބްރާހީމް ޝުޖާއު (ޝުޖާ) އެވެ. މި ވީޑިއޯއާ އެކު އޭނަ ޓްވިޓާގައި ވިދާޅުވީ މި ވީޑިއޯ އިން ފެންނަނީ މި ސަރުކާރުން އިސްލާމް ދީނަށް ކުރާ ފުރައްސާރަ ކަމަށެވެ.

"މިސްކިތްތަކުގެ ހުރުމަތްކަނޑައި މިސްކިތްތަކަށް އިހާނަތިކޮށް ހިތުމުގެ ގޮތުން އިންޑިޔާ މީހުން މި ނިންދަވަނީ މިސްކިތްތަކުގައި. ރައީސް ސޯލިހުގެ ސަރުކާރުގެ މި މުޑުދާރު އަމަލު މިހާރުން މިހާރަށް ހުއްޓާލާ." އޭނާ ވިދާޅުވި އެވެ.

ވީޑިއޯ އިންނަ ފެންނަ ގޮތުގައި ބިދޭސީން މިސްކިތުގައި ދިރިއުޅެނީ ގެއެއްގައި އުޅޭ ގޮތަށެވެ. އެގޮތުން މިސްކިތުގެ ތެރޭގައި ގޮދަޑި އަޅައިގެން ނިދާ ތަނާއި އެ މީހުންގެ އަންނައުނު މިސްކިތުގެ އެތެރެ އާއި ބޭރުގައި އެލުވާފައިވާ ތަން ވެސް ފެނެ އެވެ. އަދި ވީޑިއޯގައި ތުވާލި އަނދެގެން ބަޔަކު އުޅޭ ތަން ވެސް ފެނެ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ބިދޭސީން އެ މީހުންގެ މަސައްކަތްތަކަށް ބޭނުން ކުރާ ގިނަ އަދަދެއްގެ ތަކެތި މިސްކިތުގެ ގޯތިތެރޭގަ އާއި ފެންޑާގައި ވެސް ބަހައްޓާފައިވާ ތަން ފެނެ އެވެ.

ނަމަވެސް މިއީ ކޮން ރަށެއްގެ މިސްކިތެއްގައި ހިނގާ ކަމެއް ކަމެއް އަދި ސާފެއް ނުވެ އެވެ. އަދި މިކަމާ ބެހޭ ގޮތުން ސަަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން އެއްޗެއް ނުބުނެ އެވެ.

މިސްކިތެއްގެ ހުރުމަތް ކަނޑާލާފައިވާ ފެންނަ ރާއްޖޭގެ މިފަދަ ވީޑިއޯއެއް އާންމުވެފައި މި ވަނީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ ވެރިންތަކެއް ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެ، އެކަމާ ދެކޮޅަށް ރާއްޖޭގައި ތަފާތު ހަރަކާތްތައް ހިންގަމުން އަންނަ ވަގުތެއްގަ އެވެ.