މިހިނގާ 2014 ވަނަ އަހަރު އައްޑޫގެ ފެނާއި ނަރުދަމާއަށް ބަޖެޓްކުރި ނަމަވެސް ނަރުދަމާއަކަށް އެއްވެސް ފައިސާއެއް ލިބިފައި ނުވާކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް( ސޯބެ) ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ރޭ ޝަރަފުއްދީން ސްކޫލްގެ ހޯލްގައި ބޭއްވި ބައްދަލުވުމުގައި ރައްޔިތަކު ކުރި ސުވާލަކާއި ގުޅިގެން ސޯބެ ވިދާޅުވީ ބަޖެޓްގައި ފައިސާ ހިމެނިފައި ނެތުމުން މިއަހަރު ނަރުދަމާގެ އެއްވެސް މަސައްކަތެއް ހިނގާނެ ކަމަށް ގަބޫލް ނުކުރެވޭކަމަށެވެ.
ނަމަވެސް ފެން ގުޅައިދިނުމަށް 25 މިލިއަން ރުފިޔާ ބަޖެޓްގައި ހިމެނިފައިވާކަމަށް ސޯބެ ވިދާޅުވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އައްޑޫގައި ފެނާއި ނަރުދަމާ އެޅުމަށް އިނގިރޭސިވިލާތުގެ ބައިވޯޓާ ކުންފުންޏާއި އޭރު އުފެއްދި ސަދަން ޔޫޓިލިޓީ ކުންފުނި (އެސްޔޫއެލް)އިން ވަނީ ހިތަދޫގެ ބޮޑުބައެއްގައި ފެނާއި ނަރުދަމާގެ ހޮޅި ވަޅުލާފައެވެ. އަދި ނަޝީދުގެ ސަރުކާރު ވެއްޓުނުފަހުން ވަހީދުގެ ސަރުކާރުން ވަނީ ހިތަދޫގެ ގެތަކަށް ފެންގުޅައިދޭން ފަށާފައެވެ.
ނަމަވެސް އެކަން ކުރިއަށްދަނީ ކޮން އުސޫލަކުންކަން މިހާރު އެމަސައްކަތާއި ހަވާލުވެފައިވާ ފެނަކަ ކޯޕަރޭޝަނުން ރައްޔިތުންނާއި ހިއްސާ ނުކުރެއެވެ.
ފެނަކަ ކޯޕަރޭޝަނުން މިއަހަރު ފެބްރުއަރީ މަހުގެ ކުރީ ކޮޅު ވިދާޅުވީ އައްޑޫގެ ފެނާއި ނަރުދަމާއަށް 15.9 މިލިއަން ރުފިޔާގެ ފައިސާ ސަރުކާރުން ހަމަޖައްސާދީފައިވާ ކަމަށާއި މަހެއްގެ ތެރޭ އަމަލީ މަސައްކަތް ފެށޭނެކަމަށެވެ. އަދި އައްޑޫގެ ފެނާއި ނަރުދަމާގެ މަސައްކަތަކީ ރައީސް ޔާމީންގެ 100 ދުވަހުގެ މަގު ޗާޓްގައި ހިމެނޭ ކަމެއްކަމަށް ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ނިމާލް ވަނީ ވިދާޅުވެފައެވެ. 100 ދުވަސް ފާއިތު ދިޔައިރުވެސް އަދި މަސައްކަތް ފެށިފައެއް ނުވެއެވެ.
ސޯބެ ވިދާޅުވީ ފެނާއި ނަރުދަމާ އާއި ގުޅޭ ގޮތުން އިތުރު ތަފްސީލެއް ފެނަކަ ކޯޕަރޭޝަނުން ލިބިފައި ނުވާކަމަށެވެ.