Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ފުނަދު އާއި ހޮޅުދޫ ދަތުރު ރައީސް ނިންމަވާލައްވައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ށ. ފުނަދޫ އާއި ނ. ހޮޅުދު އަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފި އެވެ.

މި ދަތުރުފުޅަކީ ފުނަދޫ ސްކޫލުގެ ރަންޔޫބީލް ޖަލްސާ އާއި ހޮޅުދޫ މޭނާ ސްކޫލްގެ އަލިމަސްޔޫބީލް ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. ހުކުރު ދުވަހު ރައީސް ފެއްޓެވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ފުނަދުއަށެވެ. އަދި އެ ރޭ ފުނަދޫ އެސްކޫލުގެ ރަންޔޫބީލް ޖަލްސާ ޝަރަފްވެރިކޮށްދެއްވި އެވެ.

މިޖަލްސާގައި ރައީސުލްޖުމުހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސްކޫލުގެ 50 އަހަރުގެ ދިގު ތާރީޚުގައި ބިނާކޮށްދީފައިވާ އިންސާނީ ވަޞީލަތްތަކަކީ އެ ސްކޫލުން މުޖުތަމަޢަށް ދޫކުރި ވަރަށް އަގުހުރި ހަދިޔާއެއްކަމުގައެވެ.

ހޮޅުދު އަށް ރައީސުލްޖުމުހޫރިއްޔާ ވަޑައިގެންނެވީ އިއްޔެ ދުވަހުގައެވެ. އަދި އެ ރަށު މޭނާ ސްކޫލުގެ އަލިމަސްޔޫބީލް ހަނދާނީ ބިނާ އިފްތިތާޙްކޮށްދެއްވުމުގެ އިތުރުން އެ ސްކޫލުގެ އަލިމަސްޔޫބީލް ޖަލްސާ ޝަރަފްވެރިކޮށްދެއްވި އެވެ.

ފުނަދުއަށާއި ހޮޅުދު އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، އެ ދެ ރަށުގެ ރަށުކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވައި ރަށްރަށުގެ ތަރައްގީއާ ގުޅޭ ކަންކަމުގައި މަޝްވަރާކުރައްވާފައިވެ އެވެ.

އެ ދެ ރަށުގެ ދަތުރު ނިންމަވާއްލައްވައި ރައީސް އެނބުރި މާލެވަޑައިގެންނެވީ މިއަދު މެންދުރު އެވެ.