އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ނިންމަވައިފިއެވެ.
ސިޔާމް ނިސްބަތްވާ އެމްޑީއޭއިން އަންނަނީ އެޕާޓީގެ މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 10،000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް އެޕާޓީން ކުރަމުން އަންނަކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އެމްޑީއޭގެ އިސްފަރާތްތަކާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެމްޑީއޭއިން އަންނަނީ 10،000 މެމްބަރުން ހަމަކޮށް ބޮޑު ޖަލްސާއެއްގައި ކެންޑިޑެސީ އިއުލާންކުރުމަށް މަސައްކަތް ކުރަމުންނެވެ.
ސިޔާމް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ގެންގުޅުއްވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާމްގެ އެމްޑީއޭ މަސައްކަތް ކޮށްފައިވަނީ ރައީސް ޔާމީންގެ ޕީޕީއެމާއި ކޯލިޝަނެއް ހަދައިގެންނެވެ. އަދި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ސިޔާމްގެ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަަށްވެސް ދައުވާ ކޮށްފައިވެއެވެ. އެ ދެ ކުންފުނީގެ މައްޗަށް ދައުވާ ކޮށްފައިވަނީ ރ. ފުއްގިރި މައްސަލައިގައި މަނީ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށް ބުނެއެވެ.