Last Updated: June 12, 22:51
Friday, June 12, 2026
މުނިފޫހިފިލުވުން

"ސައިފް އާއި އާމިރް އާ އެކު މަސައްކަތްކޮށްލަން ބޭނުން"

ސައިފް އަލީ ހާނާއި އާމިރް ހާނާ އެކު ވަރަށް ބޮޑަށް މަސައްްކަތް ކުރަން ޝައުގުވެރިވާ ކަމަށް ޑައިރެކްޓަރު ސުދިރް މިޝްރާ ބުނެފި އެވެ.

"ޗަމޭލީ" އާއި "ޔޭ ސާލީ ޒިންދަގީ" ފަދަ ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ސްދިރް ބުނީ އޭ ލިސްޓް ތަރިންނާ އެކު މަސައްްކަތް ކުރުމުގެ ޝައުގުވެރިކަން ބޮޑު ކަމަށެވެ. އަދި ސައިފް އާއި އާމިރް ފަދަ ތަރިންނަކީ ކުރިއަށް އޮތް ތަނުގައި އޭނާގެ ފިލްްމްތަކެއްގައި ހަރަކާތްތެރި ވާނެ ތަރިންގެ ގޮތުގައި ދެކެން ބޭނުންވާ ކަމަށް އަރްޖުން ރާމްޕާލް ހިމަނައިގެން މިހާރު ރިލީޒް ކުރުމަށް ތައްޔާރުވެފައިވާ "އިންކާރު" ގެ ޑައިރެކްޓަރު ސުދިރް ބުންޏެވެ.

ސުދިރް ބުނީ ކުރިއާ ހިލާފަށް އޭނާ ފިލްމް އުފައްދާ ވައްޓަފާޅި އަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި އެކަން "އިންކާރު" އިން ފެނިގެން ދާނެ ކަމަށް ވެސް ސުދިރް ބުންޏެވެ. އޮފީސް މާހައުލުގައި އަންހެނުންނަށް ދިމާވާ ޖިންސީ ގޯނާތަކުގެ މައްޗަށް ބިނާކޮށްފައިވާ "އިންކާރު" ރިލީޒް ވާނީ މި މަހުގެ 18 ގަ އެވެ.

ސުދިރް ބުނީ އޭ ލިސްޓް ތަރިންނާ އެކު މަަސައްކަތް ކުރުމުގެ ޝައުގުވެރިކަން އުފެދިފައިވާ އިރު، އޭނާ 15 އަހަރު ވަންދެން ދެކެމުން އަައި ހުވަފެން ވެސް ހަގީގަތަކަށްވެފައވާ ކަމަށެވެ. އެއީ ސުދިރްގެ ފިލްމެއްގައި އަމީތާބް ބައްޗަން އެކްޓް ކުރުމެވެ.

އޭނާގެ ޑްރީމް ޕްރޮޖެކްޓް "މެހުރުއްނިސާ" އަށް އަމީތާބް ވަނީ ސޮއިކޮށްފަ އެވެ. އޭނާ ބުނީ އެ ފިލްމް ވަރަށް އަވަހަށް ރަސްމީކޮށް ލޯންޗް ކުރާނެ ކަމަށެވެ. އެހެންވެ އަދި ފިލްމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަން ސުދިރް ބޭނުމެއް ނޫނެވެ.