އައްޑޫ ސިޓީގެ މަގުތަކުގައި ޖަހާފައިވާ މަގު ބައްތީގެ ހާލަތު ވަރަށް ދަށްކަމަށާއި މުޅި ނެޓްވޯކް މަރާމާތުނުކޮށް މަގު ބައްތި ބަރާބަރަށް ދިއްލުމަކީ އުނދަގޫ ކަމެއް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ޔަސްރިފް ވިދާޅުވެއްޖެއެވެ.
ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ރޭ ޝަރަފުއްދީން ސްކޫލްގައި ބޭއްވި ބައްދަލުވުމުގައި މަގު ބައްތިއާއި ގުޅޭ ގޮތުން ދެންނެވުނު ސުވާލަކަށް ޔަސްރިފް ވިދާޅުވީ ކައުންސިލުން މަގު ބައްތީގެ ހާލަތު ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ބައްތު މަރާމާތު ކުރުމަށް ހަވާލުކޮށްފައިވާ ކުންފުންޏަށް ގުޅައި މައުލޫމާތު ހޯދަމުން އަންނަ ކަމަށެވެ.
ޔަސްރިފް ވިދާޅުވީ ބޮކި ދަނޑި ބުޑުން ފީވެފައި ހުރެގެން 9 ބައްތި ދަނޑި ބަދަލުކުރަން އިއްޔެ އެކަނިވެސް ކުންފުންޏާއި ތަކެތި ހަވާލުކުރި ކަމަށެވެ.
"އަސްލު ވަރަށް ހާލުގައި މުޅި ނެޓްވޯކް އޮތީ، އަޅުގަނޑުމެން މިގޮތަށް މަރާމާތުކޮށްގެން މިކަމަކަށް ހައްލެއް ނެތް. ބޮކި ދަނޑިތައް ފީވެފައި އެބަތިބި، ސްޓާޓަރުތައް ގެރިފައި އެބަހުރި، މަތިގަނޑު އައްސާފައި ހުރި ނަރު ހުރީ ފީވެ އަތަށް ގޮސް، ކޭބަލް ހަލާކުވެފަ، ބޮކި ތަޅައިގެން ގޮސްފަ. ވަރަށް ބޮޑު މަސައްކަތަކުން މިކަމަށް ހައްލެ އޮތީ، އެމަސައްކަތް މިދަނީ ކުރަމުން"
އައްޑޫގައި 3 ވައްތަރެއްގެ ލައިޓް ޖަހާފައިވާއިރު ކުރިން ޖަހާފައިވާ ހޮޅިބުރި ހިމެނޭ ލައިޓްތަކުގެ ތެރެއިން ގިނަ ހޮޅި ބުރިތައްވަނީ ތަޅާލާފައެވެ. އަދި ބައެއް ސަރަހައްދުގެ ބައްތި ދަނޑި ބިނދިގެން ބިމަށް ވެއްޓިފައިވެސް އެބަހުރިއެވެ. އޭގެތެރއިން ބައެއް ބައްތިތަކަށް އަޅާފައިވާ ކޭބަލް ބުރިކޮށްލާފައިވެސް އެބަހުއްޓެވެ.
ޔަސްރިފް ވިދާޅުވީ ކޮންމެ ދުވަހަކުވެސް މަގު ބައްތީގެ ހާލު ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އަދިވެސް ގިނަ ބޮކިތައް ދުވާލުގަނޑީގައި ދިއްލިފައި ހުންނަ މަންޒަރު ވަރަށް ގިނައިން އެބަފެނެއެވެ.
އައްޑޫގެ މަގު ބައްތި ދިއްލައި މަރާމާތު ކުރުމަށް ފާއިތުވި 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު، ކައުންސިލުން ވަނީ، 1،194،360.00 ރުފިޔާ ހޭދަކޮށްފަ އެވެ.