އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑި އަށް ވާދަކުރާ ދެ ކެންޑިޑޭޓުން ނަން ތަރުތީބުކޮށް އިލެކްޝަން ކޮމިޝަން (އީސީ) އިން އެކަން އިއުލާންކޮށްފި އެވެ.
އަންހެނުން ކޮމިޓީން ހުސްވެފައިވާ ގޮނޑި އަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރަނީ ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީ އަށް ނިސްބަތްވާ ދެން މެމްބަރެކެވެ. އެއީ އެމްޑީޕީ އަށް ނިސްބަތްވާ ހިތަދޫ ގިއުޅިލާށިމާގޭ އާމިނަތު ޝާހިދާ އާއި ޕީޕީއެމަށް ނިސްބަތްވާ ހިތަދޫ މައިދާން ފާތުމަތު ނަޒީހާ އަހުމަދެވެ.

މި ދެ ކެންޑިޑޭޓުންގެ ނަން އިއްޔެ ތަރުތީބުކުރި އިރު، ކެންޑިޑޭޓް ނަމްބަރު އެކަކީ ޝާހިދާ އެވެ. ދެވަނަ އަކީ ނަޒީހާ އެވެ.
އައްޑޫ އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަނެއް ބާއްވަން ނިންމީ ކޮމިޓީގައި ހިމެނިވަޑައިގަތް އައިޝަތު ނަދާ އަމިއްލަ ގޮތުން މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ކޮމިޓީގައި ހިމެނެނީ ޖުމްލަ 10 މެމްބަރުންނެވެ.
ބައި-އިލެކްޝަން ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 23 ގަ އެވެ. އީސީން މިހާރު ވަނީ އެ އިންތިހާބުގައި ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށާއި މޮނިޓަރަކަށްވުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.