Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ދުރާލައި ވިސާއަށް އެޕްލައިކުރަން އިލްތިމާސްކޮށްފި

ފޮރިން މިނިސްޓްރީ-- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ވިސާ ބޭނުންވާ ހާލަތްތަކުގައި ދުރާލައި ވަގުތު އޮއްވައި ވިސާއަށް އެޕްލައިކުރުމަށް ސަމާލުކަން ދިނުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ކޮށްފައިވަ އިއުލާނެއްގައި ބުނެފައިވަނީ ދިވެހިންނަށް ފޯރުކޮށްދޭ ކޮންސިއުލަރ ހިދުމަތްތައް ފުޅާކޮށް، ބޭރުގެ ޤައުމުތަކަށް ދަތުރުކުރުމަށް ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ މުހިއްމު އަމާޒެއް ކަމަށެވެ.

އެގޮތުން ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި އިތުރު 5 ޤައުމަކާއެކު ވިސާ ވެއިވަރ އެއްބަސްވުން ޤާއިިމްކުރެވި، މިހާރު ޖުމްލަ 88 ޤައުމަކަށް، ކުރިން ވިސާ ހޯދުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ ކަމަށެވެ. އަދި، އިތުރު 17 ގައުމަކާއެކު ވިސާ ވެއިވަރ އެއްބަސްވުން ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ ރާއްޖެއިން ބޭރަށް ދިވެހިން ދަތުރުކުރުމަށް ވިސާ ބޭނުންވާ ޤައުމުތަކުގެ ތެރެއިން ދިވެހިރާއްޖޭގައި އެ ޤައުމެއްގެ މިޝަނެއް ޤާއިމުކުރެވިފައި ނުވާ ޤައުމުތަކުގެ ވިސާ ހޯދުމުގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށެވެ. ވިސާ ދޫކުރުމަކީ އެ ޤައުމަކުން ކަނޑައަޅާފައިވާ ވަކި އުސޫލުތަކެއްގެ ދަށުން ކުރިއަށްގެންދާ، އަދި އެކަމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ހަމައެކަނި އެ ވިސާ ދޫކުރާ ޤައުމަކަށް ލިބިފައިވާ ކަމެއްކަން ފާހަގަކޮށް ފޮރިން މިނިސްޓްރީން ބުނެފައިވަނީ ވިސާ ދޫކުރުމަށް ހޭދަވާނެ މުއްދަތުތައް ކަނޑައެޅުމާއި، އެކި ބާވަތުގެ ވިސާއަށް ތަފާތު ލިޔެކިޔުން ހުށަހަޅަން ޖެހުމާއި، އަދި ބައެއް ހާލަތްތަކުގައި ބައޮމެޓްރިކްސް ނެގުމަށާއި އިންޓަވިއުއަށް، ޚުދު ވިސާއަށް އެދޭ ފަރާތް ހާޟިރުވާންޖެހުންވެސް ހިމެނޭ ކަމަށެވެ.

"ނަމަވެސް، ފަހަކަށް އައިސް ވިސާ ހޯދުމުގައި މި މިނިސްޓްރީގެ އެހީތެރިކަމަށް އެދި ހުށައަޅާއިރު، ވިސާއަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް، އަދި ވިސާ ޕްރޮސެސްކުރުމަށް މިޝަންތަކުން ކަނޑައަޅާފައި ހުންނަ މުއްދަތަށްވުރެ ވަގުތު ކުޑަތަންވެފައި ވަނިކޮށް އެޕްލިކޭޝަން ފޮނުވުމާއި، އެޕޮއިންޓްމަންޓް ތާރީޚް އަވަސްކުރުމަށް އެދެމުންދާކަން ފާހަގަކުރެވެއެވެ. މިގޮތަށް ޢަމަލުކުރުމުގެ ސަބަބުން، ފުރަން ހަމަޖެހިފައި އޮންނަ ތާރީޚަށް ވިސާ ނުލިބުންފަދަ ޙާލަތްތައް ތަކުރާރުވަމުން ދާކަން ހިތާމައާއެކު ފާހަގަކުރަމެވެ." ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ ޝެންގެން ޤައުމުތައް ހިމެނޭހެން، ދިވެހި ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބަސީތައް ގިނަ އަދަދަކަށް ހުންނަ ސްރީލަންކާއަށް މިވަގުތު ކުރިމަތިވެފައިވާ އިޤްތިސާދީ އަދި ހަކަތައިގެ ކާރިސާއާ ގުޅިގެން، ވިސާ ސެންޓަރުތަކާއި އެމްބަސީތަކުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫއަރައި، މަސައްކަތުގެ ގަޑިތައް މަދުކޮށް، އެޕޮއިންޓްމަންޓްތައް ލިމިޓްކޮށްފައިވާކަމަށެވެ.

އެހެންކަމުން މި ދަނޑިވަޅުގައި، ރައްޖެއިން ބޭރަށް ދިވެހިން ދަތުރުކުރުމަށް ވިސާ ބޭނުންވާ ގައުމުތަކުގެ ވިސާ ހޯދުމުގައި، ލިޔެކިޔުންތައް ފުރިހަމަކުރުމަށާއި، ދުރާލާ އެޕޮއިންޓްމަންޓް ހޯދާ، ވިސާއަށް އެޕްލައި ކުރުމަށް ސަމާލުކަން ދިނުމަށް އެންމެހާ ފަރާތްތަކަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.