ބިދޭސީންތަކެއް ދިރިއުޅެން ދީފައި ހުރި ފ. ދަރަނބޫދޫގެ ކުރީގެ މިސްކިތް އިމާރާތް ކުއްޔަށް ނުދޭން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
މިގޮތަށް ނިންމީ އެތަނުގައި ބިދޭސީން ދިރިއުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވުމުން މިއަދު ބޭއްވި ކައުންސިލްގެ ކުއްލި ބައްދަލުވުމެއްގަ އެވެ. އެގޮތުން ނިންމީ ދިރިއުޅެން އެއްވެސް ބަޔަކަށް އެ އިމާރާތް ކުއްޔަށް ނުދިނުމަށެވެ.
ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިސްކިތްތަކުގެ ދަފުތަރުން އެ ތަން އުނިކުރުމަށް ފަހު، އެ އިމާރާތް އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި މެއި 2020 އިން ފެށިގެން އެ އިމާރާތް ކުއްޔަށް ދޫކުރަމުންދާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
މިއީ މިސަރުކާރުން އިސްލާމް ދީނަށް ކުރާފުރައްސާރަ.މިސްކިތްތަކުގެ ހުރުމަތްކަނޑައި މިސްކިތްތަކަށް އިހާނަތިކޮށް ހިތުމުގެ ގޮތުން އިންޑިޔާ މީހުން މި ނިންދަވަނީ މިސްކިތްތަކުގައި.ރައީސް ސޯލިހުގެ ސަރުކާރުގެ މި މުޑުދާރު އަމަލު މިހާރުން މިހާރަށް ހުއްޓާލާ😡 pic.twitter.com/jLYDeI3543
— Ibrahim Shujau (@IbrahimShujaau) June 18, 2022
ކައުންސިލުން ބުނި ގޮތުގައި ކުރިން އެ އިމާރާތް، 10،000ރ. އަށް ކުއްޔަށް ހިފީ ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރި އެމްޓީސީސީންނެވެ. އެ ކުންފުނީގެ މުވައްޒަފުން ދެ އަހަރު ވަންދެން ތިބުމަށް ފަހު، އެ ތަނުން ދިޔައީ މީގެ ދޮޅުމަސް ކުރިން ކަމަށް ވެސް ބުންޏެވެ. އަދި މިހާރު އެތަނުގައި ތިބީ ފެނާއި ނަރުދަމާގެ މަސައްކަތްކުރާ އިންޑިއާގެ އެސްއެމްސީ އިންފްރަސްޓްރަކްޗާ ކުންފުނީގެ 15 ވަރަކަށް މުވައްޒަފުން ކަމަށް ބުންޏެވެ.
"މި އިމާރާތް އެއްވެސް ބަޔަކަށް ދޫކުރުމަށް އެދި ދިވެހި ސަރުކާރުގެ އެއްވެސް އިދާރާއަކުން މި ކައުންސިލްގައި އެދިފައިނުވާ ކަމުގައި ވެސް ދަންނަވަމެވެ،" ބަޔާނުގައި ވެ އެވެ. "ކައުންސިލުން މިހާރު ނިންމާފައިވަނީ މި އިމާރާތުގައި މީހުން ދިރިއުޅުމަށް ކުއްޔަށް ދޫކުރަމުން އައި އައުން ނިމުމަކަށް ގެނެސް ކުރިއަށް އޮތްތާގައި މިފަދަ ބޭނުންތަކަށް ދޫނުކުރުމަށެވެ."
ރަށުގެ މަސައްކަތްތަކެއް ކުރަން އުޅޭ ބިދޭސީންތަކެއް ދިރިއުޅެން، މީގެ ފަސް އަހަރު ކުރިން ބަންދުކުރި މިސްކިތް ދިން މައްސަލަ ހޫނުވުމުން އިއްޔެ އިސްލާމިކް މިނިސްޓްރީން ބުނީ އެ އެތަން ބަންދުކުރީ ދަރަނބޫދޫގައި އާ މިސްކިތެއް ބިނާކުރުމަށް ފަހު ކަމަށެވެ. އަދި 2017 ގައި އެ މިސްކިތް ބޭނުން ކުރުން ހުއްޓައިލީ އެތަނަކީ ގަބުރުމަތީގައި އިމާރާތްކޮށްފައިވާ މިސްކިތެއް ކަމަށް ފާހަގަކުރެވުމާ ގުޅިގެންނެވެ.

އޭގެ ފަހުން އެތަން، މިސްކިތްތަކުގެ ދަފުތަރުން އުނިކޮށް، ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެ ފަހުން އެ ތަނުގައި ޤުރުއާން ކުލާހެއް ހިންގަން ހުއްދަ އަށް އެދުމުން އެ ހުއްދަ ދެވި، ޤުރުއާން ކުލާހެއް ހިންގި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އިއްޔެ އާންމުވި ވީޑިއޯގައި ބިދޭސީން މިސްކިތުގެ ތެރޭގައި ގޮދަޑި އަޅައިގެން ނިދާ ތަނާއި މިސްކިތުގެ އެތެރެ އާއި ބޭރުގައި ރޯނު ދަމައި އަންނައުނު އެލުވާފައިވާ ތަނާއި މިސްކިތުގެ އެކި ތަންތަނަށް އެކި ތަކެތި ޖަމާކޮށްފައިވާ ތަން ވެސް ފެނެ އެވެ.