Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

މޯލްޑިވިއަން ބަނގުރޫޓުވާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު - ފޮޓޯ: މަޖިލިސް

މޯލްޑިވިއަން ބަނގުރޫޓުވާތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލައިފިއެވެ.

އައިލެންޑް އޭވިއޭޝަނަށް ދިމާވެފައިވާ މާލީ ހާލަތުގެ ސަބަބުން މޯލްޑިވިއަންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސަލަ ހުށަހަޅާފައިވަނީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ. ސައީދު ހުށަހެޅި ކުއްލި މައްސަލަ ބަލައިގަންނަނަން ފެންނަ ކަމަށް 5 މެމްބަރުން ވޯޓު ދެއްވާފައިވާއިރު މި ކުއްލި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 33 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

އިދިކޮޅުން ހުށަހަޅާ މިފަދަ އެއްވެސް މައްސަލައެއް އެމްޑީޕީން "ސުޕަ މެޖޯރިޓީން" މިހާރު މަޖިލީހަށް ބަލައި ނުގަނެއެވެ.

ސައީދު ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ، އައިލެންޑް އޭވިއޭޝަންގެ ހިންގުން ބޮއްސުންލާ ކުންފުނީގެ މާލީ ހާލަތު މިއިން ޒަމާނެއްގައި ދަށަަށް ނުދާހާ ދަށަށް ގޮސް ކުންފުނި ބަނގުރޫޓު ވެފަިއވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރު ކުންފުންޏަށް 400 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވާ ކަމަށާއި، 2021 ވަނަ އަހަރުވެސް އެ ކުންފުންނަށް 159 މިލިއަން ރުފިޔާ ގެއްލުންވެ ކުންފުނި މިއިން ޒަމާނެއްގައި ދަރަނިވެރި ނުވާވަރަށް ދަރަނިވެރިވެފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ސްޓޭޓް ބޭންކް އޮފް އިންޑިއާއިން މޯލްޑިވިއަންއަށް 2020 ވަނަ އަހަރު 17.3 މިލިއަން ރުފިޔާގެ ލޯނެއް ނަގާ، މައި ކުންފުނި އައިލެންޑް އޭވިއޭޝަނަށް އެސްބީއައިއިން ދޫކޮށްފައިވާ އޯވަޑްރާފްޓް ފެސިލިޓީ ދަރަނީގެ އަދަދު 46.2 މިލިއަން ރުިފިޔާއަށް އިތުރުކޮށް، މިލޯންތައް ނެގުމަށް މޯލްޑީވިއަންގެ 6 މަތިންދާ ބޯޓު ގްރައުންޑް ކޮށްފައިވާތީ، އެމްއޭސީއެލްއަށްވެސް 50 މިލިއަނަށްވުރެއް ގިނަ ރުފިޔާ ދައްކަން ޖެހިފައިވާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

ސައީދުގެ ކުއްލި މައްސަލައިގައި އިތުރަށް ބުނެފައިވަނީ މިހާރުވެސް ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދެނީ ކޮންމެ މަހަކު މިނިސްޓްރީން 15 އާއި 18 މިލިއަން ރުފިޔާ ލޯނު ނަގައިގެން ކަމަށް ވާތީ، ކުންފުނީގެ ހާލަތު މިހާ ދަށުދަރަހަޖަށް ވެއްޓިފައި އޮތުމުން، މޯލްޑިވިއަންގެ ބޯޓުތަކުގައި ޓެކްނިކަލް ގޮތުން ބައިނަލްއަޤްވާމީ މިންގަނޑުތައް ދަމަހައްޓަން ޖެހޭ އަދި ހިފަހަައްޓަންޖެހޭ ކަންކަން ނުހިފެހެއްޓި ފަހަކަށް އައިސް ގިނަމަތިންދާ ބޯޓުތަކަށް ގިނަ ޓެކްނިކަލް މައްސަލަތައް ކުރިމަތިވަމުންދާ ކަމަށެވެ. އަދި މަތިންދާބޯޓުގެ ޓަޔަރުތައްވެސް ބަދަލުކުރަންޖެހޭ މުއްދަތަށް ބަދަލުނުކުރެވި ބައެއް ބޯޓުތައް ސްޕެއާ ނުލިބި ގްރައުންޑް ކުރުމުގެ މައްސަލަތައް ކުރިމަތިވަމުންދާތީ، ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި ކުއްލި މައްސަލަ ހުށަހަޅާކަމަށެވެ.