Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ޖޭއެސްސީ އެކުލެވޭގޮތް ބަދަލު ކުރުމަށް އިސްލާހު ހުށަހަޅައިފި

މެމްބަރު އަހުމަދު ތޯރިގު- ފޮޓޯ: ރައީސް އޮފީސް

ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ޤާނޫނުއަސާސީއަށް އިސްލާހު ހުށަހަަޅައިފިއެވެ.

ޤާނޫނުއަސާސީއަށް މި އިސްލާހު ހުށަހަޅާފައިވަނީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވާފައެވެ.

ތޯރިގް ހުށަހަޅާފައިވާ އިސްލާހުގައި ޖޭއެސްސީ އެކުލެވިގެންވަނީ، ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާއެކު މުސްކުޅިކޮށްފައިވާ އަދި ކޯޓުތަކުގައި ވަކާލާތު ނުކުރާ މީހުންގެ ތެރެއިން އެބައިމީހުން އިންތިހާބުކުރާ މީހަކު، ރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިހާބުކުރާ ޤާނޫނީ ވަކީލަކު، ރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން، އެބައިމީހުން އިންތިހާބުކުރާ އަންހެން ޤާނޫނީ ވަކީލަކު، ރާއްޖެގެ ޔުނިވަރސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ ދާރިސުންގެ ތެރެއިން، އެބައިމީހުން އިންތިހާބުކުރާ ދާރިސަކު، ރާއްޖޭގެ ޔުނިވަސިޓީތަކުގައި ޤާނޫނީ އިލްމު ކިޔަވައިދޭ ދާރިސުންގެ ތެރެއިން އެބައިމީހުން އިންތިހާބުކުރާ ދާރިސަކު، ތައުލީމީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ އަދި ސިޔާސީގޮތުން ހަރަކާތްތެރިނުވާ ތަޖުރިބާކާރުންގެ ތެރެއިން އެބައިމީހުން އިންތިހާބު ކުރާ މީހަކު، ވިޔަފާރީގެ ދާއިރާއަކުން މަތީ ތައުލީމު ހާސިލުކޮށްފައިވާ އަދި ސިޔާސީގޮތުން ހަރަކާތްތެރިނުވާ ތަޖުރިބާކާރުންގެ ތެރެއިން އެބައިމީހުން އިންތިހާބު ކުރާ މީހަކު އަދި ޤާނޫނީ ފަންނު ފިޔަވައި އެހެން ފަންނަކުން މަތީ ތައުލީމު ހާސިލުކޮށްފައިވާ އަދި ސިޔާސީގޮތުން ހަރަކާތްތެރިނުވާ ތަޖުރިބާކާރުންގެ ތެރެއިން އެބައިމީހުން އިންތިހާބު ކުރާ މީހެއްގެ މައްޗަށެވެ.

ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ޖޭއެސްސީއަށް އައްޔަނު ކުރެވޭ މީހަކު، ކޮމިޝަނުގައި ހުރެވޭނީ ތިން އަހަރުގެ މުއްދަތަށް ކަމަށާއި، އަދި ވިދިވިދިގެން ދެ ދައުރަށް މީހަކު އައްޔަނު ނުކުރެވޭނެކަމަށެވެ.

މީގެކުރިންވެސް ޖޭއެސްސީ އެކުލެވޭގޮތް ބަދަލުކުރުމަށް އެކި ފަހަރުމަތިން ތޯރިގް ޤާނޫނުއަސާސީއަށް އިސްލާޙު ހުށަހަޅާފައިވެއެވެ.

ޖޭއެސްސީގައި މިހާރު ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބު ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލިސްގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން އިންތިޚާބު ކުރާ މީހެކެވެ.

ޖޭއެސްސީ އެކުލެވޭގޮތް ބަދަލުކުރުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެންމެ ފަހުން ރައީސް ސޯލިހް މީޑިއާއާ ބައްދަލުކުރެއްވި ދުވަހުވެސް ވަނީ ޖޭއެސްސީ އެކުލެވޭގޮތް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.