Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓް "ހެކު" ކުރިކަމަށް ހެއްކެއް ނުލިބުނު

ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު - ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލި ޒާހިރުގެ ޓްވީޓާ އެކައުންޓް "ހެކު" ކުރިކަމަށް ބުނާ މައްސަލައިގައި ހެއްކެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓް ހެކު ކުރި ކަމަށް ބުނެފައިވަނީ މިއަހަރުގެ މާޗް 22 ވަނަ ދުވަހުއެވެ. އެކައުންޓް ހެކު ކުރި ކަމަށް ބުނީ، އެމްޑީޕީ ޗެއާޕާސަން އިންތިހާބާ ދިމާކޮށް އަލީ ޒާހިރުގެ އެކައުންޓުން ކުރި ޓްވީޓްތަކަކާ ގުޅިގެންނެވެ.

އެ މައްސަލައިގައި "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނެފައިވަނީ، ޖިނާއީ ތަހުގީގެއް ހިންގޭނެ މިންވަރަށް ހެކި ލިބިފައި ނުވާތީ މައްސަލަ ކްލޯޒް ކޮށްފައިވާ ކަމަށެވެ.

"ޖިނާއީ ތަހުގީގެއް ހިންގޭނެ މިންވަރަށް ހެކި ލިބިފައި ނުވާތީ މައްސަލަ ވަނީ ކްލޯޒް ކޮށްފައި." ފުލުހުން ބުނެފައިވެއެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިހާބާ ގުޅިގެން ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި ޝައްމޫން ޖަލީލް (ލޫކަސް) ކުރި ޓްވީޓަކަށް އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓުން މާޗް 22 ވަނަ ދުވަހު ހެނދުނު ރައްދުދީފައިވާއިރު، ޓްވީޓްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ އެ ޓްވީޓް ޑްލީޓްކޮށްފައެވެ. އަލީ ޒާހިރުގެ އެކައުންޓުން ކޮށްފައިވާ ޓްވީޓްގައި ވަނީ އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރެއްވި އަދި މިހާރުގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ތާއިދުކުރާކަން ދޭހަވާ މޭރުމުން ޓްވީޓްކުރައްވާފައެވެ. އަދި އިތުރު ޓްވީޓަކަށްވެސް އަލީ ޒާހިރުގެ އެކައުންޓުން ރައްދުދީ ޓްވީޓްކޮށްފައިވެއެވެ. އެހެންނަމަވެސް އެ ޓްވީޓްވެސް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވަނީ ޑްލީޓް ކޮށްފައެވެ.

އެކަމާ ގުޅިގެން އަލީ ޒާހިރު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، އޭނާގެ ޓްވިޓާ އެކައުންޓް "ކޮމްޕްރޮމައިޒް"ވި ކަމަށާއި، އަދި އެވަގުތުގައި ޓްވީޓްތަކެއް ކޮށްފައިވާކަމަށެވެ. އަދި ޓްވިޓާ އެކައުންޓް ހެކުކުރި މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަމަށެވެ.

މި މައްސަލައިގައި އަލީ ޒާހިރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވިއެވެ.