ދިވެހި ޤައުމީ ދިދަ ބޭނުންކުރުމުގައި ސަރުކާރުގެ މުއައްސަސާތަކުން އަމަލުކުރާނެ އުސޫލެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވައިފިއެވެ.
ރައީސް އޮފީހުން އެ އޮފީހުން ނެރެފައިވާ ދެންނެވުމުގައި ސަރުކާރުގެ މުއައްސަސާތަކުން ދިވެހި ޤައުމީ ދިދައަށް ހުރުމަތްތެރިކޮށް ހިތަައި، ޤައުމީ ދިދައިގެ ހުރުމަތަށް އުނިކަމެއް އަންނަ ފަދަ މިންވަރަކަށް ބާވެފައިވާ ނުވަތަ ހަލާކުވެފައިވާ ދިދައެއް އެއްވެސް ކަމެއްގައި ބޭނުންކޮށްގެނެއް ނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ސަރުކާރުގެ އިމާރާތްތަކުގައްޔާއި، ސަރުކާރުގެ މުއައްސަސާތަކުގެ ރަސްމީ ކަންކަމުގައި އާންމުގޮތެއްގައި ބޭނުންކުރަންވީ ދިދައިގެ މިންތައް ވެސް ކަނޑައަޅުއްވާފައިވެއެވެ.
މީގެ އިތުރުން ވެސް މި އުސޫލުގައި ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ހުންނަންވާ ތަންތަނާއި، ހެނދުނު 6:00 އިން ހަވީރު 6:00 އަށް ޤައުމީ ދިދަ ނަގައިފައި ހުންނަންވާ މުއައްސަސާތައް ބަޔާންކޮށްފައިވެއެވެ. އަދި، ޤައުމީ ދިދައާއި އެހެން ދިދައެއް އެކުގައި ހުންނަގޮތަށް ދެ ދިދައެއް ނަގާނަމަ، ނުވަތަ ބަހައްޓާނަމަ، ދިވެހި ޤައުމީ ދިދަ ހުންނަންވާނެ އުސޫލުވެސް މި ދެންނެވުމުގައި ބަޔާން ކުރައްވާފައިވެއެވެ.
މި އުސޫލުގައި ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމުގައި ގެންގުޅެންވާ އުސޫލުވެސް ވެއެވެ.