Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ދަނޑަށް ވަދެގަނެ ހަމަލާދިނުން: ސީރިއަސްކޮށް ބަލާނެކަން ރައީސް ހާމަކޮށްފި

ފޮޓޯ: އަދަދު

މިއަދު ހެނދުނު ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓަށް ހުރަސް އެޅާ ހަމަލާދިން މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަލޮޅު ދަނޑަށް ބަޔަކު ވަދެގަނެ ހިންގި ކަންތައް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އަދި މިމައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށާއި މިކަމުގައި ޒިންމާވާ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ވަރަށް އަވަހަށް ގެންނާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ޔޯގާ ހެދުން ކުރިއަށް ގެންދަނިކޮށް ބަޔަކު އެތަނަށް ގަދަކަމުން ވަދެގަނެ، އެތަނުގައި ހުރި ދިވެހި އަދި އިންޑިއާގެ ގައުމީ ދިދަތަކަށާއި، މީހުންގެ ތަކެއްޗަށް ގެއްލުންދީ މީހުންނަށް ހަމަލާދީފައިވެއެވެ.

ޔޯގާ އިވެންޓާއި ދެކޮޅަށް މުޒާހަރާ ކޮށްފައިވާއިރު އެކަމުގައި އިދިކޮޅަށް ނިސްބަތްވާ ފަރާތްތަކުންވެސް ބައިވެރިވެފައިވެއެވެ. ފުލުހުން ބުނެފައިވަނި މިމައްސަލައިގައި 6 މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ.

2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޔޯގާ ދުވަސް ފާހަގަކުރަމުން އަންނައިރު، އޭރު މި ހަރަކާތް ހުއްޓުވުމަށް ބަޔަކު އުޅެފައި ނުވާތީ މިފަހަރުގެ މި އަމަލަކީ ސިޔާސީ ކަމެއްގެ ގޮތުގައި އަންނަނީ ސިފަ ކުރަމުންނެވެ.