އެންމެ އިސްކަން ދޭ އެއްކަމަކީ އައްޑޫސިޓީގެ ޓޫރިޒަމް ކުރިއެރުވުންކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުالله މައުސޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ޓޫރިޒަމްގެ ވާހަކަ ދައްކާއިރު އައްޑޫސިޓީގެ ވާހަކަ ދައްކަން ފުރުސަތު ލިބުމަކީ މުހިންމު ކަމެއް ކަމަށެވެ.
"މި ވާހަކަ ދައްކާފަ ދާއިރަށް މީހުން ބުނާނެ، މައުސޫމް އެބަ އައްޑޫސިޓީގެ ވާހަކަ ދައްކައޭ، ތިޔަ ވާހަކަ ނުދައްކާށޭ. ތިޔަކަމެއް ނުވި ނޫންހޭ."
މިނިސްޓަރު މައުސޫމް ވިދާޅުވީ ޓޫރިޒަމަކީ ވިޔަފާރިއެއްކަން އެންމެންވެސް ގަބޫލުކުރަންޖެހޭ ކަމަށެވެ. އަދި ޓޫރިޒަމް ކުރިއަރުވާއިރު މުޅި އިންޑަސްޓްރީ ކުރިއަރުވަން ވިސްނަންޖެހޭ ކަމަށެވެ.
"އައްޑޫސިޓީގެ ޓޫރިޒަމް ކުރިއެރުވުމަކީ، އަދިވެސް އަޅުގަނޑު ދަންނަވަން، އަޅުގަނޑު އެންމެ އިސްކަންދޭ ކަންތައް." މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.
އައްޑޫ ޝަންގްރިއްލާއާ ގުޅޭގޮތުން މިނިސްޓަރު މައުސޫމް ވިދާޅުވީ އެތަން ހަދަން މީހުން ގެންދާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ޝަންގްރިއްލާގެ ހިއްސާއާ ގުޅޭގޮތުން މިނިސްޓަރު މައުސޫމް ވިދާޅުވީ އެކަމަށް ބޭނުންވާ ޤާނޫނުގެ އިސްލާހު މަޖިލީހުން ކުރިއަށް ގެންދަވާކަމަށެވެ.