މިއަދު ހެނދުނު ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓަށް ހުރަސްއަޅާ ހަމަލާދިން މައްސަލަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީން ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ، ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ޤައުމީ ސްޓޭޑިއަމްގައި މިއަދު ހެނދުނު ހިންގި ހަރަކާތަށް ހުރަސްއަޅާ، ބައިވެރިންނަށް ހަމާލާދިން ބިރުވެރި އަމަލު، އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
"މިބާވަތުގެ ނުބައި އަދި އަނިޔާވެރި އަމަލުތަކަކީ، އަޅުގަނޑުމެންފަދަ ޞުލްޙަވެރި ޑިމޮކްރެޓިކް މުޖުތަމަޢެއްގައި އެއްވެސް ޖާގައެއް އޮތް ކަމެއް ކަމަކަށް މި ޕާޓީ އަކުން ނުދެކެމެވެ."
މި މައްސަލައިގެ ސީރިއަސް ތަހުޤީޤެއް ފެށުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށް މަރުޙަބާ ދަންނަވައި، މިހާތަނަށް ހައްޔަރުކުރެވުނު މީހުން ވެސް ހިމެނޭގޮތަށް، މިކަމަށް ޒިންމާވާ ފަރާތްތަކާ މެދު އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް އުންމީދުކުރާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީގެ ބަޔާނުގައި ވަނީ 2015 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކުރަމުން އަންނަކަންވެސް ފާހަގަކޮށްފައެވެ.
ގަލޮޅު ދަނޑަށް ވަދެ ހަމަލާދިން ހަރަކާތަށް ޕީޕީއެމްގެ އޮފީހުން ދިދަ ނެރޭ މަންޒަރުތައް ފެންނަ ފޮޓޯތަކެއްވެސް ސޯޝަލްމީޑިއާގައި ވަނީ އާންމު ވެފައެވެ. މި ހަމަނުޖެހުމާ ގުޅިގެން ފުލުހުންގެބެލުމުގެ ދަށަށް ހަ މީހަކު ވަނީ ގެންގޮސްފައެވެ.