Last Updated: June 14, 11:55
Sunday, June 14, 2026
ޚަބަރު

ޑިޕްލޮމަސީގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހެއް ފާހަގަކުރަން ފާސްކޮށްފި

ޑިޕްލޮމަސީގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހެއް ފާހަގަކުރުމަށް ދިވެހިރާއްޖެއިން އިސްނަގައިގެން ހުށަހެޅި ޤަރާރު އދގެ އާއްމު މަޖިލީހުން ރޭ ފާސްކޮށްފިއެވެ.

ދިވެހިރާއްޖެއާއިއެކު، މި ޤަރާރު އދގެ އާއްމު މަޖިލީހަށް ހުށަހެޅި ކޯ ގްރޫޕްގައި ހިމެނެނީ އެލް ސަލްވަޑޯރ، އެރިޓްރެއާ، ގްރެނާޑާ، ގަޔާނާ، ކެންޔާ، ލެޓްވިއާ، ލުބްނާން، މޯލްޓާ، ޤަތަރް، ސެންޓް ލޫޝިއާ އަދި ދެކުނު އެފްރިކާ އެވެ. މި ޤަރާރު ފާސްވުމާއެކު، ކޮންމެ އަހަރެއްގެ ޖޫން މަހުގެ 24 ވަނަ ދުވަސް ފާހަގަކުރާނީ އިންޓަނޭޝަނަލް ޑޭ އޮފް ވިމެން އިން ޑިޕްލޮމެސީ ގެ ގޮތުގައެވެ.

މި ޤަރާރު އދގެ މަޖިލީހަށް ހުށަހެޅުއްވީ އދ އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެން އެވެ.

ޤަރާރު ފާސްވުމާ ގުޅިގެން އާއްމު މަޖިލީހާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އދގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި މިވަގުތު ހުންނެވި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ އަންހެން ޑިޕްލޮމެޓުން ސުލްހައަށް މަޝްވަރާކޮށް، ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަކޮށް، ނުރައްކަލާ ތުރާތައް ގިރާކޮށް، ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާކަމަށާއި، އެކަން ފާހަގަކުރުމަށް ކޮންމެ އަހަރަކު ހާއްސަ ދުވަހެއް ކަނޑައެޅިގެން ހިނގައްޖެކަމަށެވެ.

ޑިޕްލޮމެސީގައި މަސައްކަތްކުރާ އަންހެނުންގެ ބައިނަލްއަޤްވަމީ ދުވަސް ފާހަގަކުރުމުގެ ޤަރާރު 191 ޤައުމަކުން ކޯ ސްޕޮންސަރ ކުރިއިރު، 85 ޤައުމަކުން ވަނީ ޤަރާރުގެ ސްޕޮންސަރުންގެ ގޮތުގައި ހިމެނިފައެވެ.