Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ހެނދުނުގެ ހަމަނުޖެހުންތަކާ ގުޅުމެއް ނެތް: ސަލަފް

މިއަދު ހެނދުނު ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓަށް ހުރަސްއަޅާ ހިންގި ހަމަނުޖެހުންތަކާ އެއްވެސް ގުޅުމެއް ނެތްކަމަށް ޖަމިއްޔަތުއް ސަލަފްއިން ބުނެފިއެވެ.

މިއަދު ހެނދުނު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ރާއްޖެޓީވީއާ ވާހަކަ ދައްކަވަމުން ސަލަފަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ނެރުނު ސްޓޭޓްމަންޓެއްގައި ސަލަފުން ބުނެފައިވަނީ މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ބަޔަކު ހިނގި ހަމަނުޖެހުމާއި ޖަމިއްޔަތުއް ސަލަފާ ގުޅުވައި މިނިސްޓަރު މަހުލޫފް އިތުރުފުޅު ހައްދަވާފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. ހަގީގަތެއް ބެލުމެއް ނެތި މިނިސްޓަރު މަހުލޫފް ދައްކަވާފައިވާ ވާހަކަތަކަކީ އެ ޖަމިއްޔާއާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމުގެ ބޭނުމުގައި ކުރެއްވި ކަމެއްކަމަށް ވެސް ސަލަފުން ބުނެފައިވެއެވެ.

ސަލަފުގެ ސްޓޭޓްމަންޓްގައި ބުނެފައިވަނީ ރާއްޖޭގައި ޔޯގާގެ ކަންކަން ހިންގަން ފެށި ހިސާބުން ފެށިގެން އަބަދުވެސް އެކަމުގެ ހުކުމާމެދު ރައްޔިތުން ހޭލުންތެރިކުރުމަށް އެ ޖަމިއްޔާއިން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެހެންނަމަވެސް ޝަރުއީ ހުދޫދުގެ ބޭރުން ގައުމުގެ އަމަން އަމާންކަން ނަގާލައި ފަރުދުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދީ ސަލާމަތް ބަލަހައްޓާ ފަރާތްތަކާ ކުރިމަތިލައި ހެދުމަކީ ސަލަފުން ތާއީދު ކުރާ ކަމެއް ނޫންކަމަށެވެ. އަދި މިއަދު ހެނދުނުގެ ހަރަކާތަކީ އެ ޖަމިއްޔާއާ ގުޅުންހުރި ހަރަކާތެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

ރޭގެ ވަގުތެއްގައި ވެސް ސަލަފުން ވަނީ، މިއަދު ހެނދުނުގެ ހަރަކާތަކީ ސަލަފާއި މަޝްވަރާ ކޮށްގެން ކުރިއަށް ގެންދާ ކަމެއް ނޫންކަން ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ.