މިއަދު ހެނދުނު ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓަށް ހުރަސްއަޅާ ހިންގި ހަމަނުޖެހުންތައް ސީރިއަސްކޮށް ބަލާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
އެ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސްއަޅައި އެ ހަރަކާތުގަިއ ބައިވެރިވި ބޭރުގެ ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންގެ މީހުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއ ްމީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕޯޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
"މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން، މިއަމަލު ހިންގި މީހުން ބޭނުންކޮށްފައިވާ ބައެއް އާލާތްތައް ނެރެފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ އޮފީހުންކަން އެނގިފައިވެއެވެ." ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މި ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބުތައް ބަލައި ފުލުހުންގެ ހިދުމަތުން ރެސްޕޮންޑު ކުރިގޮތުގެ އިންޓަރނަލް ރިވިއުއެއް ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން މިހާތަނަށް ހަ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.