Last Updated: July 6, 18:23
Wednesday, July 6, 2022
ރިޕޯޓް

ހޯމް މިނިސްޓަރު ދުނިޔޭގެ ކުރިމަތީގައި ރައީސް ސޯލިހްގެ އަގު ވައްޓާލައިފި

ފޮޓޯ: ރައީސް އޮފީސް

އިއްޔެ ހިނގާދިޔަކަމަކީ މިފަހުގެ ތާރީހެއްގައި ދުނިޔޭގެ ކުރިމަތީގައި މި ދިވެހިރާއްޖެ ލަދުން އިސްޖަހާލަން ޖެހުނު ދުވަހެކެވެ. އެތައް ގައުމެއްގެ ސަފީރުންނާއި އަދި ބޮޑެތި ޖަމިއްޔާތަކުގެ ރެޕްރެޒެންޓެޓިވްސްގެ ކުރިމަތީގައި ދިވެހިންގެ ތެރެއިން މަދު ބަޔަކު ހިންގި ހަޑި އަމަލުގެ ލައްގަނޑުން ސަލާމަތްވާން އުނދަގޫ ވާނެއެވެ.

މިކަން މިގޮތަށް މެދުވެރިވީ ފުލުހުންގެ ސަފު ފަޅާލުމަށް ލިބުނު ފުރުސަތުގެ ސަބަބުންނެވެ. އެއީ ފުލުހުން ދިން ފުރުސަތެއްކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ. މިގޮތަށް ބަޔަކު އެއްވާނެކަން އެނގިތިބެ އެތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓޭނެ ރަނގަޅު މިންވަރަށް ފުލުހުން ނުބައިތިއްބާ ހައެއްކަ ފުލުހުން ފްރަންޓްގައި ބޭތިއްބުމުގެ ނަތީޖާ ވަރަށް ވެސް ހުތުރެވެ.

އިއްޔެ ރާއްޖޭގައި ހިނގާދިޔަ ކަންތައް މުޅި ދުނިޔެއަށް ވަނީ ފެނިފައެވެ. ބޭރުގެ މީޑިއާތަކުގެ ފަލަ ސުރުހީން ޖާގަ ހޯދައިފިއެވެ.

ފުލުހުންގެ ސަފު ފަޅާލުމަށްފަހު ފުލުހުން ސެކިއުރިޓީ ދެމުންދިޔަ ތަނެއްގެ ތެރެއަށްވަދެ އަނިޔާވެރިކަން ދެއްކުމުގެ ފުރުސަތު ބަޔަކަށް ލިބިގެން ދިޔައިރު މިކަމުގައި އަދިވެސް ފުލުހުންގެ އިދާރާއާ ޤާނޫނީގޮތުން ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރު އެއްޗެއް ވިދާޅުނުވެ ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ދުނިޔޭގެ ކުރިމަތީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަގު ވައްޓާލިތާ 24 ގަޑިއިރު ފާއިތުވި އިރުވެސް މިނިސްޓަރު އިމްރާންގެ ހިލަމެއް ނެތެވެ.

ފުލުހުންގެ ސަފެއް ފަޅާލުމަށްފަހު ފުލުހުން ސެކިއުރިޓީ ދެމުންދިޔަ ތަނެއްގެ ތެރެއަށް ބަޔަކު ވަދެގަތުމަކީ އާދައިގެ ކަމެއް ނޫނެވެ. މިއީ ދޫގޮތަކަށް ބެލެންވެސް އޮތް ކަމެއް ނޫނެވެ. މިކަމުގައި މިނިސްޓަރު އިމްރާން ފުރިހަމައަށް ޒިންމާ ނަންގަވާ ޖަވާބުދާރީވެސް ވާންޖެހޭނެއެވެ. މިފަދަ ރޭވުންތައް ރާވާއިރު މިއަށްވުރެއް ރަނގަޅަށް ފުލުހުންގެ އިންޓެލިޖެންސްވެސް މަސައްކަތް ކުރަންޖެހެއެވެ. އަދި މިއަށްވުރެއް ފުރިހަމައަށް މިފަދަ ރަޔަޓުތައް ހުއްޓުވެންވެސް ޖެހޭނެއެވެ.

މީގެ ކުރިންވެސް މިގޮތަށް ފުލުހުންގެ ސަފެއް ފަޅާލުމަށްފަހު ބަޔަކު މީހުން ހިންގި އަމަލުތައް އާހިރު ނިމިގެންދިޔައީ ވަރަށް ހިތިކޮށެވެ.

ފެބްރުއަރީ 7 އިއާދަވަނީ؟

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މިގޮތަށް ފުލުހުންގެ ސަފު ފަޅާލުމަށްފަހު ވަދެގަނެ އިހުތިޖާޖު ކުރުމުގެ ފުރުސަތު ލިބިގެންދިޔުމުގެ އާހިރު ނަތިޖާއަކަށްވީ ބަޣާވާތަކުން ވެރިކަން ވެއްޓުމެވެ. އިސްތިއުފާ ދިނުމަށް ރައިސް ނަޝީދަށް މަޖުބޫރުކުރުވުމެވެ.

އޭރުވެސް މައްސަލަ ހޫނުވީ ސާކް ސަމިޓަށް އައްޑޫގައި ބެހެއްޓި މޮނިއުމަންޓްތަކަކާ ހެދިއެވެ. އެއީ ބުދު ކަމަށްބުނެ ރައްޔިތުންގެ ލޭ ކަށްކުވާ ކުރި މުޒާހަރާތައް ހޫނުވެ ފުލުހުންގެ ސަފުތައް ފަހަތައް ޖެއްސުމުގެ ނަތީޖާއަކަށްވީ ޖުމްހޫރީ މައިދާން ހިފާ ބަޣާވާތް ކޮށް ވެރިކަން ވައްޓާލުމުވެ.

އެކަމުގައި އޭރު އާރުކާޓީއަކަށް އުޅުއްވި މިނިސްޓަރު އިމްރާން މިއަދު ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވާއިރު ހަމަ އެފަދައިން ބަޔަކު ދީނީ ކާޑު ކުޅެގެން ދީނުގެ ނަމުގައި އަނިޔާވެރިކަން އިސްކޮށް ފުލުހުންގެ ސަފު ފަހަތައް ޖައްސާތަން ފެނުމުން ތާރީހު އިއާދަ ވަނީއޭ ހީވާލެއް ބޮޑުވަނީއެވެ. އަދި އެހާ ފަސޭހައިން ފުލުހުންގެ ސަފު ފަޅާލެވިދާނެކަން ބަޔަކަށް ދައްކާލުމުގެ ފުރުސަތު ލިބުމުން އެކަން ހަޖަމުވާން އުނދަގޫވަނީއެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ފުލުހުންނަށް ކުރާ ހޭދައަކީ އިސްރާފެއް ކަމަށް ހީވަނީއެވެ.

މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ދުނިޔޭގެ ކުރިމަތީގައި މި ގައުމު ލަދު ގަންނަވަރުގެ ކަމެއް ހިންގުމަށް ފުރުސަތު ދިނުމަށްފަހު އަނެއްކާވެސް ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ގައުމު ވެއްޓެންދާއިރު، ހޯމް މިނިސްޓަރު އެއްޗެކޭ ވިދާޅުނުވެ ހުންނެވުން ހަމަ އެއްގޮތަކަށްވެސް ބަލައެއް ނުގަނެވޭނެއެވެ.