އައްޑޫގައި ފަތުރުވެރިކަން ކުރިއަރުވަން ކިތަންމެ ބޭނުން ނަމަވެސް އެފުރުސަތު ސަރުކާރާއި ކަމާއި ބެހޭ ފަރާތްތަކުން ނުދޭކަމަށް އައްޑޫގެ ޑެޕިއުޓީ މޭޔަރ އަބްދުﷲ ޠޮއްޔިބް (ޓޮމް) ވިދާޅުވެއްޖެއެވެ.
ޓޮމް ވިދާޅުވީ ކައުންސިލުން އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސިޓީ ހޮޓަލާއި ގެސްޓް ހައުސް އެޅުމަށް ބިން ދޫކުރުމަށް ނިންމާ ކޮންމެ ފަހަރަކު ހައުސިން މިނިސްޓްރީއިން އެކަމަށް ދެކޮޅުހަދާކަމަށެވެ. އަދި އެންޓި ކަރަޕްޝަން ކޮމިޝަން މެދުވެރިކޮށް ނަމަވެސް އެކަން ހުއްޓުވާކަމަށެވެ.
ޓޮމް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި ބިންތައް ކައުންސިލުން ދޫކޮށް އާމްދަނީ ހޯދޭނެކަމަށް އޮތް ނަމަވެސް، ދެން ހުރި ގާނޫންތަކުން އެކަމަށް ހުރަސް ކުރިމަތިވާ ކަމަށެވެ. އެހެންވެ އައްޑޫގައި އަދިވެސް ސިޓީ ހޮޓަލަކަށް ބިން ދޫނުކުރެވޭކަމަށެވެ.
"އަޅުގަނޑުމެން ކައުންސިލުން އެތައް ފަހަރަކު އެކަމާއި މަސައްކަތް ކޮށްފިން، ކުރީ ކައުންސިލުން ފަތުރުވެރިކަމަަށް ވަކި ސަރަހައްދު ކަނޑައަޅައި ބިން ހަމަޖައްސާފައިވާނީ، އެކަމަކު އެކަމެއް ކުރެވޭކަށް ނެތް"
ޓޮމް އިތުރަށް ވިދާޅުވީ އައްޑޫއަށް ވައިގެ މަގުން ކުރާ ދަތުރަށް ދެކޮޅަށް ނަގާ 430 ޑޮލަރުގެ އަގުގެ ސަބަބުން ގިނަ ފަތުރުވެރިން އައްޑޫއަށް އައުމަށް އުޒުރުވެރިވާ ކަމަށެވެ. އަދި އެފަތުރުވެރިން މާލެ ސަރަހައްދުގެ ކޮންމެވެސް ތަނަކަށް ދާން މަޖްބޫރުވާ ކަމަށެވެ.
"އަޅުގަނޑަކީ މިމަސައްކަތުގެ ތެރޭ އުޅޭމީހެއް، އެހެންވެ އަޅުގަނޑަށް ވަރަށް ރަނގަޅަށް މިކަމާއި ގުޅޭ މައުލޫމާތު ބުނެވިދާނެ، އެންމެ ބޮޑު މައްސަލައަކީ ފްލައިޓް ޓިކެޓްގެ އަގު މާ ބޮޑަށް ބޮޑުވުން"
ޓޮމް ވިދާޅުވީ އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވޭނީ ކަމާއި ބެހޭ ހުރިހާ އެންމެން ގުޅިގެންކަމަށެވެ. އެގޮތުން ކައުންސިލް އޮތީ އައްޑޫގެ ފަތުރުވެރިކަން ކުރިއަރުވަން ކުރާ ކޮންމެ މަސައްކަތަކަށް ފުރިހަމަ އެއްބާރުލުން ދޭން ކަމަށެވެ.
އައްޑޫގައި ގެސްޓް ހައުސް ހިންގާ ހުރިހާ އެންމެންވެސް ވަނީ ޓިކެޓް އަގު ބޮޑު މައްސަލަ ފާހަނގަކޮށްފައެވެ. އެމީހުންވެސް ބުނަނީ ގިނަ ރިޒަވޭޝަން ތަކެއް ލިބުނު ނަމަވެސް ޓިކެޓްގެ އަގު ބޮޑުކަމުން ކެންސަލް ކޮށްލާ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުން ވަނީ އަމިއްލަ ގެތަކުގައި ގެސްޓް ހައުސް ހިންގައި ބެޑް އިތުރުކުރުމަށް ގޮވާލާފައެވެ. މޭޔަ ވިދާޅުވީ ޓިކެޓްގެ މައްސަލަ ހައްލު ކުރުމަށް އޮތީ ބެޑް އިތުރުކޮށް ޗާޓަރު ފްލައިޓް ގެނައުން ކަމަށެވެ.