ރާއްޖޭގައި ކަންކަން މިހާރު ހިނގާދާ ގޮތުން ރިސޯޓްތަކަށް އަރާ ޓޫރިސްޓުންނަށް ހަމަލާދީފާނެ ކަމުގެ ބިރު އެބައޮތްކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
"އިންޑިއާ އައުޓް" ހަރަކާތާއި ގުޅޭގޮތުން މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި ރިޕޯޓަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އިއްޔަ ގަލޮޅު ދަނޑަށް ވަދެ ހިންގި ހަމަނުޖެހުމަކީ އެއްވެސް ޒިންމާދާރު ސިޔާސީ ޕާޓީއަކުން ކޮށްގެންވާނެފަދަ ކަމެއް ނޫންކަމަށެވެ.
ޖާބިރު ވިދާޅުވީ އިއްޔަ ހިނގާދިޔަ ކަންތައްތަކުން ފެނިގެންދިޔައީ ފުލުހުންގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުރި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފެއިލް ވެފައިވާ މަންޒަރު ކަމަށެވެ. އަދި ހޯމް މިނިސްޓަރުގެ މަގާމުން އިމްރާން ވަކިކުރާ ކަމަށް އުންމީދު ކުރާ ކަމަށްވެސް ވިދާޅުވިއެވެ.
ރިޕޯޓަށް ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ "އިންޑިއާ އައުޓް" ގޮވިގެން ނުވާނެ ކަމަށާއި، "މިތަނުގައި އިންޑިއާ އޮންނާނެ" ކަމަށެވެ. އަދި ރާއްޖެއިން އިންޑިއާގެ ސިފައިންގެ މީހަކު ނުފެންނަ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ރާއްޖެ މިހާރު އެހާ އަމާން ނޫންކަން ފާހަގަކޮށް ޖާބިރު ވިދާޅުވީ ގޮތްނޭންގޭ އެކި ކަންކަން މިހާރު ހިނގަމުން އަންނަ ކަމަށެވެ. ގައުމުގައި ބޮމެއް ގޮއްވާލާ ޔޯގާ ހަދަން ތިބި މީހުންނަށް ހަމަލާ ދިނުން ބަލައިނުގަނެވޭނެކަމަށް ޖާބިރު ވިދާޅުވިއެވެ.
"މިދާ ރޭޓުގަ ދަންޏާ، ރިސޯޓުގަވެސް މިކަން ހިނގައިގަންފާނެ. ޓޫރިސްޓް މީހާގެ ގައިގާވެސް ތަޅައިގެންފާނެ. އަޅުގަނޑުމެން އެބަ ޖެހެއެއްނޫންތޯ ކުރިއަލާ ފިޔަވަޅު އަޅަން." ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ އެކި ހަރަކާތްތައް ހިންގާއިރު ފަތުރުވެރިކަމުގެ ސިނާއަތަށް ވިސްނާލަންޖެހޭ ކަމަށާއި، ރާއްޖެއަށް ލާރި ލިބޭ ގޮތާއި މެދު ވިސްނާލަން ޖެހޭ ކަމަށެވެ.