އައްޑޫ ސިޓީގައި ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުގެ އޮފީސްތަކަށް ހާއްސަކޮށްގެން ބާއްވާ "ދި ފޭދޫ ސްޕޯޓްސް ފުޓްސަލް ކަޕް 2022"ގެ ފައިނަލަށް ފެނަކަ އަދި ޔުނައިޓެޑް ބީއެމްއެލް ދަތުރުކޮށްފި އެވެ.
މުބާރާތުގެ ފައިނަލަށް ފެނަކަ ދަތުރުކުރީ ރޭ ކުޅުނު ސެމީފައިނަލް މެޗުގައި ސެއިންޓް ރެޖިސް ވޮށްމުލި 1-0 އިން ބަލިކުރުމަށްފަހު އެވެ.
ފޭދޫ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ފެނަކަ ޓީމަށް ކާމިޔާބުކޮށްދިނީ ހާޒިމް ފައުޒީ އެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ ހާޒިމް އެވެ.
މުބާރާތުގެ ފައިނަލުން ޔުނައިޓެޑް ބީއެމްއެލް ޖާގަ ހޯދީ ކްލަބް އެމްޓީސީސީގެ މައްޗަށް 4-0 އިން ކުރި ހޯދައިގެންނެވެ.
މި މެޗުގައި ބީއެމްއެލް ޓީމުން ޖެހި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދި އިޝާން އިބްރާހިމް އެވެ. އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ އިބްރާހިމް ސިނާހު އަދި އަހުމަދު ހަބީބެވެ.
ދި ފޭދޫ ސްޕޯޓްސްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ ކަމަށްވާއިރު ކޯ ސްޕޮންސަރަކީ ސައުތް ޕާމް ރިސޯޓެވެ.