Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ހައިކޯޓުގެ ފަނޑިޔާރުކަމަށް ގާޒީ ހުޒައިފާ އައްޔަނު ކުރަނީ

ފޮޓޯ: ޖޭއެސްސީ

ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމަށް ގާޒީ ހުޒައިފާ މުހައްމަދު އައްޔަނު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނެފައިވަނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލި ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، ފަނޑިޔާރުން އައްޔަންކުރާ ކޮމިޓީން "ހައިލީ ރިކޮމެންޑެޑް"ކަމަށް ކޮމިޝަނަށް ލަފާ އަރުވާފައިވަނީ ހ.ސޭންޑީ ބީޗް، ހުޒައިފާ މުހައްމަދު ކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރުމަށް 2022 ޖޫން 23 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 43 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

އަލްއުސްތާޛާ ހުޒައިފާ މުހައްމަދަކީ ފަނޑިޔާރުކަމުގައި 14 އަހަރު ދުވަހަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އަލްއުސްތާޛާ ހުޒައިފާ މުހައްމަދަކީ މިހާރު ފެމެލީ ކޯޓުގެ އިސްޤާޟީކަމުގެ މަޤާމް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

އަލްއުސްތާޛާ ހުޒައިފާ މުހައްމަދަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ފަތްކޮޅު އެރުވުމަށް ހަމަޖެހިފައިވަނީ 2022 ޖޫން 27 ވާ ހޯމަ ދުވަހުއެވެ.