Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ހަރުކަށި ފިކުރުގެ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ

މެމްބަރު މުހައްމަދު އަސްލަމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހައްދުފަހަނައެޅި ހަރުކަށި ފިކުރުގެ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވެފައިމިވަނީ މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ކުރިއަށް ދަނިކޮށް އެތަނެއް ބަޔަކު ވަދެ ހަމަނުޖެހުން ހިންގައި ބައެއް މީހުންނަށް ހަމަލާދީފައިވާ ދަނޑިވަޅެއްގަ އެވެ. މި ހަމަނުޖެހުން ހިންގިއިރު އިންޑިއާގެ ސަފީރާއި އެހެން ބައެއް އިސް ބޭފުޅުން ގަލޮޅު ދަނޑުގައި ތިއްބެވެ.

އަސްލަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްދުފަހަނައެޅި ހަރުކަށި ފިކުރަކީ މުޖުތަމައުގައި އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިފަދަ އަމަލުތައް ހިންގަނީ ދީނީ އިލްމުވެރިއެއް ކަމަށްވިޔަސް އަދި ސިޔާސީ މީހެއް ކަމަށްވިޔަސް އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން މިހާތަނަށް 12 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެތެރޭގައި ދެ އިލްމުވެރިއަކު ވެސް ހިމެނެ އެވެ. އެއީ ޝެއިހު އާދަމް ނިޝާން އާއި ޝައިހް ފަޒްލޫން މުހައްމަދެވެ. އަދި މި މައްސަލައާ ގުޅިގެން ޕީޕީއެމްގެ ހަރަކާތު ކޮމިޓީގައި އިސްކޮށް އުޅުއްވާ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އެގޮތުން ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް މުޙައްމަދު އިސްމާޢީލަށް ދީފައިވާއިރު އާދަމް ނިޝާން އާއި ފަޟްލޫން މުޙައްމަދުއަށް ދީފައިވަނީ 7 ދުވަހުގެ މުއްދަތެކެވެ.