ރާއްޖޭގައި މިހާރު މި ވަނީ އަނެއްކާ ވެސް ކުރީގެ ކުޅިގަނޑެއް ތަކުރާރުވުމުގެ ސިލްސިލާއެއް ފެށިފަ އެވެ. ސިޔާސީ ދާއިރާގެ ނުފޫޒު ގަދަ މީހުންނާއި އެފަދަ މީހުންނާ ގުޅުން އޮންނަ މިސްމީހުން ބަރަހަނާވުމުގެ ކުޅިގަނޑަކީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. މި ކުޅިގަނޑެއްގެ ފެށުން އެންމެ ފުޅާކޮށް އެންމެ ފުރަތަމަ ތިލަވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.
އޭރު ސަރުކާރުގެ ބައެއް އިސްވެރިންނާއި އެމްޑީޕީގެ އިސް އެތައް ބަޔަކު ވެބްކެމް ކުރިމަތީގައި ބަރަހަނާވި އެވެ. އެ ވާހަކަ އޭރު ވަރަށް ބޮޑަށް ދެކެވި، އެތައް ބަޔަކު ބޭޒާރުވި އެވެ. އެކަމަކު އެފަދަ އެއްވެސް ކަމަކާ ގުޅިގެން އެއްވެސް މީހަކަށް ގާނޫނީ ގޮތުން އެޅުނު ފިޔަވަޅެއް ނެތެވެ. އެޅި ފިޔަވަޅެއް ވެސް ނެތެވެ.
ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކާ އެކު، ޓެކްނޮލޮޖީ މިހާރު މިއޮތީ އިނގިލި ކުރީގަ އެވެ. އެހެންވެ މީހަކު "ބަރަހަނާވާން، ބޭޒާރުވާން" ހިނދުކޮޅެސް ވެސް މިހާރަކު ނުނަގާނެ އެވެ. ކުރިން ރާއްޖޭގެ ސިޔާސީ މަސްރަހުން ފެންމަތިިވި ފަދަ "ވެބްކެމް" ގެ ކުޅިގަނޑު ފަދަ ހުތުރު އަދި އެހާމެ ލަދުވެތި މަންޒަރުތައް މިހާރު މި ވަނީ އަލުން ތިލަވާން ފަށައިފަ އެވެ.
ސިޔާސީ ދާއިރާގެ މީހުންނެވެ. އެ ދާއރާގެ މީހުންނާ ގުޅުން އޮތް މީހުންނެވެ. މިދިޔަ އަހަރުގެ ތެރޭގައި ފެންމަތިވި "ރޯޔަލް ރޭޕް" ކޭހަށް ވެސް ވީ ގޮތް ދިވެހިން އަދި ހަނދާން އެބަހުއްޓެވެ.
ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން "ހިންގާ" ވީޑިއޯއެއް އާންމުވުމާ އެކު، މިހާރު ސޯޝަލް މީޑިއާގައި މި ނޫން ވާހަކައެއް ނެތެވެ. ނާޒިމްގެ "މީމްތައް" ވައިރަލްވެ، އަމާޒުވެފައިވާ ފާޑުކިޔުންތަކާ އެކު މިހާރު ވަނީ އަނެއްކާ ވެސް ސިޔާސީ ދާއިރާގެ އެތައް ބަޔަކު ބޭޒާރުވާން ފަށައިފަ އެވެ. ނާޒިމްގެ ވީޑިއޯ ތިލަވި ހިސާބުން އިވެން ފެށި އަޑަކީ ސިޔާސީ ދާއިރާގެ ވަރަށް ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގާކަމުގެ ވާހަކަ އެވެ. މީގެ ތެރޭގައި މަޖިލިިސް މެމްބަރުންނާއި ބައެއް ވަޒިރުންގެ ދަރިންގެ އިތުރުން ސިފައިންނާއި ފުލުހުން ވެސް ހިމެނޭކަމުގެ އަޑުތައް ގަދަ އެވެ.
އެގޮތުން ރޭ މި ވަނީ މަޖިލިސް މެމްބަރެއް ކަމަށްވާ ހުސައިން ޝަމީމް އަނދުން ހުސައިން) ބަރަހަނާ ހާލުގައި "ތުރީސަމްއެއް" ގައި އޮތް މަންޒަރު ފެންނަ ފޮޓޯއެއް ލީކްކޮށްފަ އެވެ. އެ ފޮޓޯ ލީކްކޮށްފައި ވަނީ އިންޒާރުތަކެއް ވެސް ދިނުމަށް ފަހު އެވެ. އެގޮތުން ރައީސް ނަޝީދާ ބެހޭ ނަމަ، އެ ބެހޭ މީހުން މިފަދަ ގޮތްގޮތަށް "އޮރިޔާންވާނެ" ކަމަށާއި އެކަމާ ވިސްނައިގެން ތިބުމަށް އިންޒާރު ދީފައިވެ އެވެ.
ރިޔާސީ އިންތިހާބެއް ވެސް ބޯމަތީގައި އޮތުމުން ރާއްޖޭގެ ސިޔާސީ ދާއިރާގެ ތެރެއިން ފެންނަ މިފަދަ "ކުޅިގަނޑުތައް" ރައްޔިތުންނަށް އަދި ދައްކަވަން އޮތީ އެވެ. މިއީ އަދި ފެށުމެކެވެ. އެތައް ބައެއްގެ މިފަދަ ފާހިޝް އަމަލުތަކުގެ ވީޑިއޯތަކާއި ފޮޓޯތައް އާންމުވަމުންދާނެމީ މިހާރު ޝައްކެއް އޮތް ކަމެވެ. މިފަދަ އެއްޗެހި ތިލަވުމާ އެކު "އެޑިޓޭ"، "ޑީފް ފޭކޭ" އަދި "ބްލެކްމެއިލްކުރަން" އުޅެނީއޭ ކިޔާފައިވާ ރެކުމަކީ މިހާރު އާންމު ކަމަކަށްވެއްޖެ އެވެ. ކަމާބެހޭ އިދާރާކަށް މިފަދަ އެއްވެސް މައްސަލައެއް ބެލޭ ކަމަކަށް ނުވެ އެވެ. ފުލުހުން އަބަދު ވެސް "ތަހުގީގުކުރުމުގަ" އެވެ. އެ ނޫން ވަރެއް ނެތެވެ.
ނާޒިމްގެ ވީޑިއޯ އަކީ އޭގެ ސައްހަކަން ކަށަވަރުކުރަން އެ ބުނާވަރަށް ފުލުހުން "ތަހުގީގުކުރަން" ޖެހޭ އެއްޗެއް ހެއްޔެވެ؟ އާންމުންގެ ސުވާލަކީ އެއީ އެވެ. އެއަށް ވުރެ އެ ވީޑިއޯ "ސާފެވެ." މިފަދަ ކޮންމެ ކަމެއް ސިޔާސީ ނުފޫޒާ ހެދި ނުބެލެވޭ ނަމަ ރާއްޖޭގެ ކަންކަން ދެން އޮންނާނެ ގޮތް ތަސައްވުރުކުރުމަކީ މިހާރު އުނދަގޫ ކަމެއް ނޫނެވެ.
ސިޔާސީ ކަންކަމަކީ "މުޑުދާރު" ކަމެކޭ ބުނަން ޖެހެނީ ވެސް މި ދާއިރާގައި އުޅޭ ބައެއް މީހުންގެ ފަރާތުން މި ފެންނަ މިފަދަ ހުތުރު އަމަލުތަކާ ހެދި އެވެ. މަގާމާއި ނުފޫޒާއި ބާރަކީ ހިތުހުރިހާ ކަމެއް ކުރަން އޮންނަ ލައިސަންސަކަށްވެގެން ނުވާނެ އެވެ. އެކަމަކު ރާއްޖޭގައި ފެންނަނީ ހަމަ އާއި އުސޫލާއި ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް އެއްވެސް ކަމެއް ނުހިނގާ ތަނެވެ. އެހެންވެ ކިތަންމެ ބޮޑި ޖަރީމާއަކަށް ވެސް އަރައިގަންނަންވީ އެވެ. އަދި އަރައިގަންނާކަށް މިހާރު ބަޔަކު ޖެހިލުމެއް ވެސް ނުވެ އެވެ.
އެއް ބަޔަކު "ބިރަކާނުލައ މަޖާކުރުމަށާއި ސަލާމަތްވެގެން އޮތީ ދޮން މީހުން އުޅޭ ގޮތަށް އުޅެގެން" ކަމަށް ދައުވާކުރާ އިރު، ދެން ކަންކަން އޮންނާނެ ގޮތް ރާއްޖޭން މިހާރު ފެންނަނީ އެވެ. ސިޔާސީ މީހުންގެ ވާހަކަ ހައިލައިޓްކޮށްފައި ދައްކަން ޖެހެނީ ނަމޫނާ ދައްކަން ތިބި މީހުންނަކީ އެ މީހުންނަށްވެފައި، އެ މީހުންގެ ކިބައިގައި ލަދުހަޔާތުގެ ކަންފުޅެއް ވެސް މިހާރު ނެތުމުންނެވެ.
މިފަދަ ނޭއްގާނީ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކާ ނަމަ އެ ބަޔަކު ސިފަކުރަނީ "ހަރުކަށި ފިކުރު" މީހުންގެ ގޮތުގަ އެވެ. ރާއްޖޭގައި މިހާރު ކޮންމެ ކަމެއް ހިނގިޔަސް "ހަރުކަށި ފިކުރާ" ގުޅުވައިލުމުން ފުދުނީ އެވެ.
ގައުމުގައި ހިނގާ ބޮޑެތި ޖަރީމާތަކާއި ކުށްތައް އިސްލާމް ދީނާއި ދީނީ އިލްމުވެރިންގެ ބޮލަށް ކަނޑާލުމުގެ ފޯރި އާއި ޖޯޝް ރާއްޖޭގައި މިހާރު ވަރަށް ގަދަ އެވެ. ހިތުހުރިހާ ކަމެއް ކުރެވެން އޮތީ ދީން އެއްފަރާތްކޮށްފައި ކަމަށްވާތީ ދީނުގެ ވާހަކައެއް ދެއްކޭކަށް މިހާރަކު ނެތެވެ. އިންސާނީ ހައްގުތަކާއި މިނިވަންކަމުގެ އަޑުގެ ވާހަކަ މިހާރު މާ ގަދަ އެވެ.