Last Updated: June 12, 22:51
Friday, June 12, 2026
މުނިފޫހިފިލުވުން

"އެކް ތި ދާޔަން" ގެ ޓްރެއިލާ އާ ހެދި ކޯޅެނީ

އެކްތަ ކަޕޫރާއި ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް ގުޅިގެން އުފައްދާފައިވާ ސްޕަ ނެޗްރަލް ތްރިލާ "އެކް ތި ދާޔަން" ގެ ފުރަތަމަ ޓްރެއިލާ މި މަހުގެ 11 ވަނަ ދުވަހު ރިލީޒް ކުރާ އިމްރާން ހާނާއި އަނުޝްކާ ޝަރްމާގެ "މަތުރު ކީ ބިޖިލީ ކާ މަންޑޯލާ" އާ އެކު އާންމު ކުރާ ގޮތަށް ހަމަަޖައްސައިފި އެވެ.

އެހެން ނަމަވެސް އެންމެ ހޫނުކޮށް މިހާރު ދެކެވޭ ވާހަކަައަކީ އެ ފިލްމްގައި އިމްރާން ހާޝިމީ އާ އެކު ލީޑް ރޯލުން ފެނިގެންދާ ތިން ބަތަލާ އިން ފުރަތަމަ ޓްރެއިލާގައި ކޮންމެ ބަތަލާ އެކު، ޓެރެއިލާގައި އެ މީހަކަށް އިސްކަން ދިނުމަށް ބާރު އަޅަމުން ދިއުމެވެ.

ކަންނާން އައްޔަރު ޑައިރެކްޓްކޮށްފައިވާ "އެކް ތި ދާޔަން" ބަތަލާއިންނަކީ ކޮންކަނާ ސެން ޝަރްމާ، ކަލްކީ ކޮޗިން އަދި ހުމާ ގްރޭޝީ އެވެ. ފާހަގަކޮށްލެވޭ ކަމަކީ މި ފިލްމް އެންމެ ފުރަތަމަ ހުށަހެޅީ ރާނީ މުކަރްޖީ އަށް ކަމެވެ. އެހެން ނަމަވެސް އެ ފިލްމް ކުޅެން ރާނީ ބޭނުމެއް ނުވި އެވެ.

ފިލްމްގެ ފުރަތަމަ ޓްރެއިލާ އާ ހެދި ތިން ބަތަލާ އިން ކޯޅެމުން އަންނަ އިރު މިއީ ބޮލީވުޑްގައި އާ ކަމެެއް ވެސް ނޫނެވެ. ގިނަ ފަހަރަށް އެއް ފިލްމެެއްގައި އެއް ބަތަލާއިންނަށް ވުރެ ގިނަ ބަތަލާ އިން ހިމެނޭ ނަމަ އެކަކަށް ވުރެ ބޮޑަށް އަނެކަކު އާންމުންގެ ސަމާލުކަން ހޯދަން ބޭނުންވެ އެވެ. މިފަދަ ކަންތައްތަކާ ގުޅިގެން ބަތަލާއިންގެ ތެރޭގައި ބޮޑު ހަސަދަވެރި ކަމެއް ވެސް އޮވެ އެވެ.

ކޮންމެ ގޮތެއް ވިޔަސް ދެން އޮތީ "އެކް ތި ދާޔަން" ގެ ޓްރެއިލާ އަށް ކެތްތެރިކަމާ އެކު އިންތިޒާރު ކުރުމެވެ. އޭރުން ގައިމު ވެސް ކުރި ލިބުނީ ކޮންކަނާއަށްތޯ ނުވަތަ ކަލްކީއަށްތޯ އަދި ހުމާއަށްތޯ އެނގިގެން ދާނެ އެވެ.