Last Updated: April 24, 17:02
Wednesday, April 24, 2024
ޚަބަރު

ޗުއްޓީއާ ދިމާކޮށް މަންޓާގެ އަގުހެޔޮ ޓިކެޓް ހުސްވެއްޖެ

މަންޓާ އެއާގެ ބޯޓެއް ގަމުގައި. ފޮޓޯ/ އަހުމަދު އާއިޝް ނަސީރު

ކުރިއަށް އޮތް ބޮޑު ޗުއްޓީއާ ދިމާކޮށް މަންޓާ އެއާގެ އައްޑޫގެ ދަތުރުތަކަށް ބާރު ބޮޑުވެ، އެ އެއާލައިންގެ އަގުހެޔޮ ޓިކެޓް އެއްކޮށް ހުސްވެއްޖެ އެވެ.

އެހެންވެ މިހާރު ލިބެން ހުރީ އެ އެއާލައިންގެ ދެ ކުލާހުގެ ތެރެއިން ސަފާޔާ ކްލާހުގެ ޓިކެޓެވެ. މީގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 2،730ރ. އެވެ. މަންޓާ އިން ކޮޅަކަށް 1،650ރ. އަށް ޓިކެޓެއް ވިއްކަނީ ކޮމްފަޓް ކުލާހުގަ އެވެ. އެ ކުލާހުގެ ޓިކެޓް މިހާރު ވަނީ އެއްކޮށް ވިކި ހުސްވެފަ އެވެ.

މަންޓާ އެއާގެ މެނޭޖަ، މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މޫބީން ޖަލީލު މިއަދު "އައްޑޫ ލައިވް" ވިދާޅުވީ ޓިކެޓް ވިއްކާ އަގު އެއްގޮތަކަށް ވެސް ބޮޑުނުކުރާ ކަމަށާއި ދިމާވި ގޮތަކީ މި ވަގުތު ކޮންފަޓްގެ ކުލާހުގެ ހުރިހާ ޓިކެޓެއް ބަންދާ ދިމާކޮށް އެއްކޮށް ހުސްވުމެވެ.

"އެހެންވެ މިހާރު ސަފާޔާ ކުލާހުގެ ޓިކެޓް އެކަނި އެވައިލަބަލްވީމަ ޓިކެޓް އަގުބޮކުރީ ކަމަށް ބައެއް މީހުންނަށް ހީވެދާނެ. ނަމަވެސް އަގަކަށް އެއްވެސް ބަދަލެއް ނުގެންނަން. ކުރިން ވެސް އަޅުގަނޑުމެންގެ ދެ ކުލާގައި ޓިކެޓް ވިއްކާ ރޭޓްގައި ޓިކެޓްތައް ހުރީ." އޭނާ ވިދާޅުވި އެވެ.

މަންޓާ އަކީ އެތެރޭގެ އުދުހުމުގެ ހިދުމަތްދޭ އެެއާލައިންތަކުގެ ތެރެއިން ދެ ކުލާހެއްގައި ޓިކެޓް ވިއްކާ ހަމައެކަނި އެއާލައިން ވެސް މެ އެވެ.

އެ އެއާލައިންގެ ދަތުރުތައް އައްޑު އަށް ފެށީ މި އަހަރުގެ ފެބްރުއަރީ 24 ގަ އެވެ. އޭރު މަސް ދުވަހަށް ޓިކެޓްގެ ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

މޫބިން ވިދާޅުވީ ދާދި ފަހުން މަންޓާގެ ތިން ބޯޓެއް މަރާމާތުތަކެއް ކުރަން ޖެހުމުން ދަތުރުތައް މަދުކޮށް، އައްޑު އަށް ހަފުތާ އަކު ތިން ދަތުރު ވެސް ބޭއްވި ކަމަށެވެ. ނަމަވެސް ޗުއްޓީއާ ދިމާކޮށް ކޮންމެ ދުވަހަކު ދަތުރުތައް ބާއްވާނެ ކަމަށް ވިދާޅުވި އެވެ. އެ އެއާލައިނުން ދަތުރުތައް އައްޑު އަށް ފެށީ ވެސް ކޮންމެ ދުވަހަކު ދަތުރެއް ބާއްވާ ގޮތަށެވެ. އަދި އޭރު ބުނެފައި ވަނީ ޑިމާންޑް ބޮޑުވާ ނަމަ ދަތުރުތައް އިތުރުކުރާނެ ކަމަށެވެ.

މަންޓާގެ އައްޑޫ އަގު ހެޔޮ ޓިކެޓު ހުސްވި އިރު، ގައުމީ އެއާލައިން މޯލްޑިވިއަނުން ވެސް އައްޑު އާއި މާލެ ދެމެދު ޓިކެޓް ލިބުން ވަނީ ދަތިވެފަ އެވެ. އެހެންވެ ގިނަ ބަޔަކު ދަނީ ބޮޑު އަގުގައި ވެސް ޓިކެޓު ގަންނަމުންނެވެ.