Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

މުޖުތަމަޢުގެ އަމާން ކަމަށް އިލްމުވެރިންގެ ދައުރު ބޮޑު

މުޖުތަމަޢު އަމާންކޮށް ބޭއްވުމަށް އިލްމުވެރިންގެ ދައުރު ބޮޑު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ސަޢުދީ ޢަރަބިއްޔާއިން މިސަރަޙައްދުގައި ޤާއިމްވެފައިވާ ސަޢުދީ އިސްލާމިކް އެފެއާޒްގެ ދީނީ ކަންކަމާ ބެހޭ މުއައްސަސާއާއި، އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ދައުރާ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އިސްލާމްދީން ފެށިގެން އައިސްފައިވަނީ ޖަހާލަތުގެ އަނދިރިކަމުގެ ތެރޭގައި އޮއްވާކަން ފާހަގަކުރައްވާ ރަސޫލާ صلى ﷲ عليه وسلم ވަޑައިގެން އިސްލާމްކަމުގެ ނޫރުން އުންމަތް އަލިކޮށްދެއްވިކަމަށް ވިދާޅުވި އެވެ. އަދި އިސްލާމްދީން އައުމުން މުޅި ދުނިޔެއަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަމަން އަމާންކަންކަމަށް ވިދާޅުވި އެވެ. އަދި މުޖުތަމަޢު އަމާންކޮށް ބޭއްވުމުގައި ޢިލްމުވެރިންގެ ދައުރު ބޮޑުކަން ފާހަގަކުރައްވާ ޢިލްމުވެރިންނަކީ މުޖުތަމަޢުގެ ޤަދަރުވެރި ބައެއްކަމާއި ރިވެތި ނަމޫނާ ދައްކަވަން ޖެހޭނެކަމަށް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާއިން މިސަރަޙައްދުގައި ދީނީ ކަންކަން ރާވާ ހިންގުމުގައި އުޅުއްވާ ފަޟީލަތުއް ޝައިޙް ބަދްރު ބިން ނާޞިރް އަލްޢިންޒީއާއި ރާއްޖެއަށް ސަޢުދީ ޢަރަބިއްޔާއިން ކަނޑައަޅުއްވާފައިވާ ސަފީރު މަތްރިކް އައްދައުސަރީވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ޕްރޮގްރާމްގެ މައިގަނޑު ޞުރުޙީއަކީ "އިންސާނީ މުޖުތަމަޢުގައި ސިލްމާ، ސަލާމަތާއި އަމާންކަން ޤާއިމުކުރުމުގައި ކީރިތި ރަސޫލާ صلى ﷲ عليه وسلم ގެންގުޅުއްވި ގޮތް" އެވެ. މި ދައުރާ ޕްރޮގްރާމްގައި ބައިވެރިވަނީ ރާއްޖާގެ ޢިލްމުވެރިންނާއި، ޚަޠީބުންނާއި އިމާމުން އަދި ދާއީންނެވެ.