Last Updated: June 29, 21:20
Monday, June 29, 2026
ސިޔާސީ

"ސިޔާސީ" ތިން މެނޭޖަރުން ފެނަކައަށް

އައްޑޫ ސިޓީގެ ކަރަންޓްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ވާނުވާއެއްގެ ތެރޭ އޮތްވާ އިއްލާން ކުރުމެއް ނެތި "ސިޔާސީ" ތިން މޭނަޖަރަކު އަނެއްކާވެސް ފެނަކަ ކޯޕަރޭޝަންގެ އައްޑޫ އޮފީހަށް ނަގައިފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މެނޭޖަރު ފެންވަރުގައި ނަގާފައިވަނީ ނިމިގެން ދިޔަ ކައުންސިލް އިންތިހާބްގައި ޕީޕީއެމްގެ ފަރާތުން ކުރިމަތިލައި ނާކާމިޔާބްވި ފޭދޫ ބެންހާގެ، އަބްދުﷲ ސައީދު (އައްޑޫ) އާއި މަޖިލިސް އިންތިހާބްގައި އެމްޑީޕީން ޕަރައިމަރީއަށް ވާދަކުރާނެކަމަށް އިއްލާންކުރި މަރަދޫ ފޭދޫ، އަބްދުﷲ މިފްތާހް އާއި މީދޫ، ޝާން، އިބްރާހިމް އަޝްރަފްއެވެ.

އެގޮތުން އަބްދުﷲ ސައީދު އިއްޔެއިން ފެށިގެން އާރްއޭފްގައި ހުންނަ ފެނަކަ މައިއޮފީހަށް ނިކުންނަން ފަށާފައިވާ އިރު މިފްތާހު ނިކުންނަނީ މަރަދޫ ފޭދޫ ފެނަކަ އޮފީހަށެވެ. އަދި އަޝްރަފް ނިކުންނަނީ ހުޅުމީދޫ އިންޖީނުގެއަށެވެ.

އަޝްރަފް އަކީ ނިމިގެން ދިޔަ ރިއާސީ އިންތިހާބްގައި ޕީޕީއެމްގެ ކެންޑިޑެޓް ޔާމީން އަބްދުލް ގައްޔޫމްގެ ކެމްޕެއިންގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހާއެވެ.

ސަދަން ޔޫޓިލިޓީ ކުންފުނި ރައީސް ވަހީދުގެ ސަރުކާރުން އުވާލައި އުފެއްދި ފެނަކަ ކޯޕަރޭޝަންގެ ރީޖަނަލް މެނޭޖަރަކަށް ހުރި ހުސެއިން ޒަރީރު ކައުންސިލް އިންތިހާބަށް ވާދަކުރުމާއި ގުޅިގެން ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި މަޖިލިސް އިންތުހާބްގައި އަލީ ނިޒާރު ވާދަކުރުމާއި ގުޅިގެން އޭނާވެސް ވަނީ ވަޒީފާއިން ވަކިވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލަށް މީހުން ނަގާފައިވަނީ މި މަގާމުތަކަށެވެ.

ވަރަށް ބޮޑަށް "ސިޔާސީ" ވެފައިވާ ފެނަކަ ކޯޕަރޭޝަންގެ ބައެއް މުވައްޒަފުންނަށް މި ސަރުކާރުން ބިރު ދައްކަމުންދާ ކަމުގެ ހަބަރުތައްވެސް ވަނީ ލިބިފައެވެ. އެގޮތުން ވަކި މީހަކަށް ތާއިދު ނުކޮށްފިނަމަ ވަޒީފާއިން ކަނޑާލާނެކަމަށްވެސް ދަނީ އަންގަމުންނެވެ.

އައްޑޫގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ފާއިތުވި ދުވަސްތަކުގައި ފެނަކަ ކޯޕަރޭޝަން ނުކުޅެދިފައިވާކަން ވަރަށް ބޮޑަށް ވަނީ ފެނިގެން ގޮސްފައެވެ.