Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

އައްޑޫ އީދު ފެސްޓިވަލްގައި ކްލަބް ލޮތާރިން މަސް ރޭހެއް

ހުވަދޫ ރިކްރިއޭޝަންގެ މަސްރޭހުގެ ތެރެއިން: ފޮޓޯ މަސްދަރު - ގާފު އެމްވީ

އައްޑޫ ސިޓީ މީދޫގައި ބާއްވާ އައްޑޫ އީދު ފެސްޓިވަލްގައި ކްލަބް ލޮތާރިން މަސް ރޭހެއް ކުރިއަށް ގެންދިއުމަށް އިއުލާންކޮށްފި އެވެ.

ކްލަބް ލޮތާރިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މަސްރޭހުގައި ބައިވެރުވުމުގެ ފުރުސަތު 30 ޖޫން އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

ލޮތާރިން ބުނެފައިވާ ގޮތުގައި މި މުބާރާތުގައި އޮފީސް ރަމްޒުކޮށްދޭ ޓީމެއް ނުވަތަ ގްރޫޕްކޮށް އަމިއްލައަށްވެސް ޓީމު ހަދައިގެން ބައިވެރިވެވޭނެއެވެ. ކޮންމެ ޓީމެއްގައި މަދުވެގެން ތިން ބައިވެރިން ހިމަނާންޖެހޭއިރު، ގިނަވެގެން 10 ބައިވެރިން ހިމެނިދާނެކަމަށް ލޮތާރިން ބުނެއެވެ.

މި މުބާރާތުގައި އެއްވެސް ޓީމަކަށް ދިރޭ އެން ބޭނުމެއް ނުކުރެވޭނެއެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ އިގުތިސާދީ ސަރަހައްދުގައި ހިފުން، ބޭނުން ނުވަތަ ނެގުން މަނާ އެއްވެސް އެއްޗެއް ހިފިއްޖެނަމަ، އެ އެއްޗެއް ދޫކުރަންޖެހޭނެކަމަށް މުބާރާތުގެ ގަވާއިދުގައި ބުނެފައިވެއެވެ.

މި މުބާރާތުގައި އެއްވަނަ، ދެވަނަ އަދި ތިންވަނަ ޓީމު ހޮވަން ހަމަޖެހިފައިވާއިރު، "ފަރުމަސް ކެޔޮޅު"، "ފަރުމަސްވެރިޔާ" ފަދަ މަގާމުތައްވެސް ހޮވުމަށް ވަނީ ނިންމާފައެވެ.

މި މުބާރާތާގުޅޭ އިތުރު މައުލޫމާތު ކްލަބް ލޮތާރީގެ ފޭސްބުކު ޕޭޖުންނާއި އެ ކްލަބުގެ ނަންބަރު 767،2255 އިން ލިބޭނެއެވެ.

އައްޑޫ އީދު ފެސްޓިވަލަކީ ދެކުނުގައިވެސް ބޭއްވޭ އެންމެ ކުލަގަދަ އެއް އީދު ފެސްޓިވަލަށް ހެދުމަށް މީދޫގެ ރައްޔިތުން އަންނަނީ ތައްޔާރު ވަމުންނެވެ. އީދުގެ ހަރަކާތްތަކުގެ ތެރޭގައި ކުޅިވަރު އެކި މުބާރާތްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން މާލި ޕެރޭޑާއި މި ނޫންވެސް ގިނަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.