Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ނަޒީހާ ހޮވަން ޔާމީން އެދިވަޑައިގެންފި

އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ހިތަދޫގެ ގޮނޑިއަކަށް އަންނަ މަހު ބާއްވާ ބައި އިލެކްޝަންގައި ޕީޕީއެމުން ވާދަކުރާ ކެންޑިޑޭޓު ފާތުމަތު ނަޒީހާ އަހުމަދަށް އެ ޕާޓީގެ ހިތަދޫގެ ހުރިހާ މެމްބަރުން ވޯޓް ދީ، އިންތިހާބުކޮށްދޭން ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން އެދިވަޑައިގެންފި އެވެ.

ރައީސް ޔާމީންގެ ފަރާތުން ރޭ އާންމުކުރި މެސެޖްގައި ވިދާޅުވީ ނަޒީހާ ހޮވަން ހުރިހާ މެމްބަރުން ވެސް މަސައްކަތްކޮށް ދެއްވުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"މި ގޮނޑި އަޅުގަނޑުމެންގެ ޕާޓީ އަށް، ފާތިމަތު ނަޒީހާ އަށް ކާމިޔާބުކޮށް ދިނުމަކީ ޕީޕީއެމް/ޕީއެންސީގެ ހުރިހާ މެމްބަރުންނާއި ދެ ޕާޓީގެ ލީޑަރުންނާއި އަޅުގަނޑު ވެސް ވަރަށް އެދޭ ކަމަކަށްވާތީ މިކަން ކޮށް ދީފިއްޔާ ވަރަށް ޝުކުރުވެރިވާނަން." ޔާމީން ވިދާޅުވި އެވެ.

އައްޑޫ އަންހެނުންގެ ކޮމިޓީ އަށް ހޮވަން ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ މަހު 23 ގަ އެވެ. މި އިންތިހާބުގައި ވާދަކުރަނީ ޕީޕީއެމްގެ އިތުރުން އެމްޑީޕީ އެވެ. އެމްޑީޕީގެ ފަރާތުން ބައި އިލެކްޝަނަށް ވާދަކުރަނީ ހިތަދޫ ގިއުޅިލާށިމާގޭ އާމިނަތު ޝާހިދާ އެވެ.

މި ކެންޑިޑޭޓުންގެ ނަން ވެސް އިލެކްޝަން ކޮމިޝަން (އީސީ) އިން ތަރުތީބުކޮށްފައިވާ އިރު، ކެންޑިޑޭޓް ނަމްބަރު އެކަކީ ޝާހިދާ އެވެ. އަދި ދޭކަކީ ނަޒީހާ އެވެ.

އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ ކޮމިޓީގައި ހިތަދޫ ތަމްސީލުކުރައްވާ މެމްބަރުންގެ ތެރެއިން އައިޝަތު ނަދާ އަމިއްލަ ގޮތުން މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ކޮމިޓީގައި ހިމެނެނީ ޖުމްލަ 10 މެމްބަރުންނެވެ.