Last Updated: April 27, 08:54
Saturday, April 27, 2024
ޚަބަރު

ޔޯގާ އިވެންޓް ހުއްޓުވަން ފުލުހުންނަށް ކުރިން އެންގި

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ރާއްޖޭގައި ބޭއްވި އިވެންޓް ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެ، އެތައް ބަޔަކު ހައްޔަރުކޮށް އެ މައްސަލަ މިހާރު އިތުރަށް ތަހުގީގުކުރަމުން އަންނަ އިރު، އެ އިވެންޓް ބާއްވަން އުޅޭކަން އެގުމުން އެކަން ހުއްޓުވުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ކުރިން އެންގިކަން ހާމަވެއްޖެ އެވެ.

މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ހިނގި ހަމަނުޖެހުމާ ގުޅިގެން މިނިސްޓްރީ އަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ރޭ ސޯޝަލް މީޑިއާގައި ވަނީ ޔޯގާ އިވެންޓް ހުއްޓުވަން ފުލުހުންނަށް މިނިސްޓްރީން މި މަހުގެ 15 ގައި ފޮނުވި ސިޓީއެއް އާންމުވެފަ އެވެ. އޭގައި ބުނެފައި ވަނީ ޔޯގާއާ މެދު އިސްލާމީ ދުނިޔގައި ނެރެފައިވާ ފަތުވާތަކަށް ރިއާޔަތްކުރާ އިރު، އެއީ އިސްލާމީ ޝަރީއަތާ ހިލާފު ކަމަކަށްވާތީ އާއި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާ ބެހޭ ގާނޫނުގެ ދަށުން މަނާ ކުރެވިފައިވާ ކަންތައްތަކެއް ކަމަށްވާޔީ އިސްލާމީ ޝަރީއަތާއި ދިވެހި ގާނޫނުތަކާއި ގަވާއިދުތައް ނެގެހެއްޓުމަށްޓަކައި މިފަދަ ކަންކަން ކުރާ ފަރާތްތައް ދެނެގަނެ އެކަށީގެންވާ ފިޔަވަޅު އެޅުމަށް އަންގާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު ހިޝާމް އަހުމަދު ސޮއިކޮށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި ސިޓީގައި ވަނީ ޔޯގާއާ މެދު އިސްލާމީ ބޮޑެތި އިލްމުވެެރިންނާއި ގައުމުތަކުގެ ފަތުވާ މަޖިލީސްތަކުގެ ނިންމުންތައް ވަރަށް ސާފުކޮށް ބަޔާންކޮށް ދީފައިވެ އެވެ.

އޭގައި ބުނެފައި ވަނީ މި މެޑިޓޭޝަނަކީ ހިންދޫގެ އަޅުކަމެއް ކަމަށްވާ ޔޯގާގައި ހިމެނޭ ކަމެއް ކަމަށާ އަދި އެ މީހުންގެ ދީނީ ސަގާފަތާއި ގުޅޭ ގޮތުން މެޑިޓޭޝަންގެ ނަމުން ނަންދީ އިރުއަރާ ވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުން ކުރާ މިއުޒިކު ހިމެނޭ ހަރަކާތެއް ކަމަށް ވަނީ ބުނެފައެވެ.

"…އިސްވެ ދެންނެވުނު ސަބަބުތަކާ ހުރެ މިފަދަ ކަންތައްތަކަކީ އިސްލާމީ ޝަރީއަތާއި ހިލާފު ކަމަކަށްވާތީ އާއި ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާއި ބެހޭ ގާނޫނުގެ ދަށުން މަނާ ކުރެވިފައިވާ ކަންތައްތަކެއް ކަމުގައިވާތީ އިސްލާމީ ޝަރީއަތާއި ދިވެހި ގާނޫނުތަކާއި ގަވާއިދުތައް ނެގެހެއްޓުމަށްޓަކައި މިފަދަ ކަންކަން ކުރާ ފަރާތްތައް ދެނެގަނެ އެކަށީގެންވާ ފިޔަވަޅު އެޅުމަށް އަންގަމެވެ." ސިޓީގައިވެ އެވެ.

ޔޯގާ އިވެންޓް ހުއްޓުވަން މިނިސްޓްރީން މިފަދަ ސިޓީއެއް ފުލުހުންނަށް ފޮނުވި އިރު، މި މަހުގެ 21 ގައި މާލޭގެ ގަލޮޅު ދަނޑުގައި ޔޯގާ އިވެންޓް ފެށީ ފުލުހުންގެ ސެކިއުރިޓީއާ ވެސް އެކީގަ އެވެ. އަދި އެ އިވެންޓް އިންތިޒާމުކުރީ ޔޫތު މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ ގުޅިގެންނެވެ. އިވެންޓް ބޭއްވުމުގެ ކުރިން އެކަން އިޝްތިހާރުކުރަން ޔޯގާ އިވެންޓްގެ ވާހަކަ ޔޫތު މިނިސްޓްރީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އާންމުކުރި އެވެ. އަދި ގަލޮޅު ދަނޑުގައި އިވެންޓް ބޭއްވީ މާލެ ސިޓީ ކައުންސިލުން ރަސްފަންނު ދޫނުކުރަން ނިންމުންނެވެ. ކައުންސިލުން ކުރިން ހުއްދަ ދިނެވެ. އެކަމަކު އާންމުންގެ ފަރާތުން ލިބުނު ޝަކުވާތަކާ ގުޅިގެން ހުއްދަ ނުދޭން ފަހުން ނިންމީ އެވެ.

ޔޯގާ އިވެންޓް ބާއްވަން އިޝްތިހާރުކުރަން ފެށުމާ ގުޅިގެން ރާއްޖޭގެ އެކިއެކި ދީނީ އިލްމުވެރިން ވެސް އެކަމާ ދެކޮޅަށް ވާހަކަ ދައްކާފައިވެ އެވެ.

ޔޯގާ އިވެންޓްގައި ހިނގައިދިޔަ ހަމަނުޖެހުމާ ގުޅިގެން މިހާތަނަށް 19 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ދެ ޝައިހުން ވެސް ހިމެނެ އެވެ. އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ ދެ ޝޭހުންނަށް ދީފައި އިތް ދީނީ ދަރުސް ދިނުމުގެ ހުއްދަ ވެސް ބާތިލުކޮށްފަ އެވެ.