Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ރިސޯޓްތަކުގެ އިހުތިސާސް ހިނގާ ސަރަހައްދު ބޮޑުކުރަނީ

DCIM100MEDIADJI_0056.JPG

ރާއްޖޭގެ ރިސޯޓްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދު ބޮޑުކުރަން މަޓީން ހުށަހަޅާފައިވާ ހުށަހެޅުން ބަލައިގަންނަ ކަމަށާއި އެކަމަށް މަސައްކަތްކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް ޖަމިއްޔާ، މަޓީގެ ކަންބޮޑުވުމަކީ ރިސޯޓްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދު މިހާރު އެކަށީގެންވާ ވަރަށް ނެެތުމުން ރިސޯޓްތަކާއި އެތަންތަނަށް ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރަށް ޕްރައިވެސީ ވެސް ގެއްލި ނުރައްކާތަކެއް ހުރުމެވެ. އެގޮތުން ރިސޯޓްތަކާ ކައިރިން މަސްވެރިކަންކުރާ މައްސަލަ މަޓީން ފާހަގަކޮށްފައިވެ އެވެ.

އެހެންވެ އެ ޖަމިއްޔާ އިން ވަނީ ރިސޯޓްތަކުގެ އިހުތިސާސްގެ ގޮތުގައި މިހާރު ކަނޑައާފައި އޮންނަ 500 މީޓަރު 1،000 މީޓަރަށް އިތުރުކޮށް ދިނުމަށް ހުށަހަޅައިފަ އެވެ.

މިކަމާ ގުޅިގެން މިނިސްޓަރު މައުސޫމް ވިދާޅުވީ އެ ބަދަލު ގެނައުމާ ގުޅޭ ގޮތުން މިހާރު ވެސް ކަމާބެހޭ ފަރާތްތަކާ އެކީ މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ.

"މަޓީން އެންމެ ފަހުން ހުށައަޅާފައިވާ ހުށައެޅުންކަމަށްވާ ރިސޯޓްތަކުގެ ސަރަހައްދު ފަސްސަތޭކަ މީޓަރުން ހާހަށް ބަދަލުކުރުމުގެ ހުށައެޅުން އަޅުގަނޑުމެން ބަލައިގަންނަން. މިކަމާ މެދު މިހާރު ވަނީ މަޝްވަރާކުރެވިފައި." މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރިސޯޓްތަކުގެ ސަރަހައްދުގެ އިހްތިސާސް ހިނގާ ގޮތުގެ ތަފުސީލް އެނގޭނެހެން ކުރެހުންތައް ފެންނަން ހުންނާނެ ގޮތަށް ވެސް ހަދާނެ ކަމަށެވެ.

ރާއްޖޭގައި މިހާރު 165 ރިސޯޓެއް ހިންގަ އެވެ.