Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ހުޅުމީދޫން ޕެޓްރޯލް ވިއްކާ އަގު މާ މަތީގައި

ފޭދޫ ފިއުލް ސަޕްލައި ޔެތޮ ޝެޑް.

ޕެޓްރޯލާއި ޑީސަލް ވިއްކާ އަގަށް އެންމެ ފަހުން އެސްޓީއޯ އިން ގެނައި ބަދަލާ ވިދިގެން އައްޑޫ ހުޅުމީދޫގައި ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ވަރަށް ބޮޑަށް އުފުލިއްޖެ އެވެ.

އައްޑޫގެ މީހުން އުޅޭ އެހެން އަވަށްތަކާ ވަކިން އޮންނަ ހުޅުދު އާއި މީދޫގައި ވެސް ޕެޓްރޯލާއި ޑީސަލް ލީޓަރެއް މިހާރު ވިއްކަނީ 25ރ. އަށެވެ. މިއީ އައްޑޫގެ ގުޅިފައިވާ އެހެން އަވަށްތަކުން މިހާރު ތެޔޮ ވިއްކާ އަގާ އަޅާބަލާ އިރު އެއީ ގާތްގަނޑަކަށް 6ރ. ގެ ބޮޑުވުމެކެވެ.

ހުޅުމީދޫގައި ތެޔޮ ވިއްކާ ބައެއް ތަންތަނުން 25ރ. އަށް ވުރެ ކުޑަކޮށް ވެސް އަންނަނީ ތެޔޮ ވިއްކަމުންނެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތައް ކަމަށްވާ ހިތަދު އާއި މަރަދު އާއި ފޭދޫގައި ތެޔޮ ވިއްކާ ތަންތަނުން މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 19.60ރ. އަށެވެ. އަދި ޑީސަލް ލީޓަރެއްގެ އަގަކީ 19ރ. އެވެ. އަވަށްތަކުގައި އާންމުކޮށް ތެޔޮ ވިއްކަނީ އަމިއްލަ ފަރާތްތަކުންނެވެ.

އައްޑޫ ގަމުގައި އެސްޓީއޯގެ ތެޔޮ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސްގެ ތެޔޮ ޝެޑެއް ހުރެ އެވެ. އެ ކުންފުނިން އެންމެ ފަހުން ތެލުގެ އަގަށް ގެނައި ބަދަލާ އެކު މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 16.55ރ. އަށެވެ. ޑީސަލް ލީޓަރެއް ވިއްކަނީ 16.77ރ. އަށެވެ.