Last Updated: June 12, 10:30
Friday, June 12, 2026
ޚަބަރު

ރިލްވާން ގެއްލުވާލި މައްސަލާގައި ބަޔަކު ހައްޔަރުކޮށްފި

ފޮޓޯ: ޝަފްރާޒް

މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގައި ބަޔަކު ހައްޔަރު ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރިލްވާން ގެއްލުވާލި މައްސަލައިގައި ދެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި މއ. ފާނގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު)އެވެ.

މި ދެމީހުން ހައްޔަރު ކޮށްފައިވަނީ ރިލްވާން މަރާލުމަށް ހިންގި ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވި ކަމުގެ ތުހުމަތުގައެވެ. ފުލުހުން މި ދެމީހުން ހައްޔަރު ކޮށްފައިވާއިރު މީގެ ތެރޭގައި ހިމެނޭ އިސޫ ހައްޔަރު ކުރުމުގެ އަމުރެއް ފުލުހުން ހޯދާފައިވަނީ އިއްޔެއެވެ. އިސޫ ހައްޔަރު ކުރުމުގެ އަމުރެއް ނެރުމުން، އޭނާ ވަނީ ރޭގެ ވަގުތެއްގައި އަމިއްލައަށް ފުލުހުންގެ އިދާރާއަށް ވެސް ގޮސްފައެވެ. އެހެންނަމަވެސް އޭނާ ހައްޔަރަށް ގެންގޮސްފައެއް ނުވެއެވެ. އިސްމާއިލް އަބްދުއްރަހީމް (އިސޫ) ހައްޔަރު ކޮށްފައިވަނީ މިއަދު ހެނދުނުއެވެ.

އިސޫ އަކީ ސީރިޔާގެ ހަނގުރާމައަށް ދާންއުޅެނިކޮށް ތުރުކީ ބޯޑަރު ކައިރިންވެސް ހައްޔަރުކުރި މީހެކެވެ. އިސޫގެ ވާހަކަ މަރާލާފައިވާ މީހުންނާއި، ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ތައްޔާރު ކުރި "ޑރ.އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގެ ރިޕޯޓު" ގައިވެސް ފާހަގަ ކޮށްފައިވެއެވެ.

މަރު ކޮމިޝަނުން 2019 ވަނަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ޓެރަރިސްޓު ޖަމާއަތަކާއި ގުޅުން އޮންނަ ބަޔަކު ރިލްވާން ވަގަށް ނަގައި ކަނޑުމައްޗަށް ގެންގޮސް މަރާލުމަށްފަހު ކަނޑުފައްތާފައިވާ ކަމަށް ބުނެފައެވެ. ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ 2014 އޮގަސްޓް 7 ވަނަ ދުވަހުއެވެ.