Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ސައްލެ އަށް ކުރާ ތުހުމަތު ދޮގުކޮށްފި

ސަލީމާ އެކު ނަސީރު.

ރާއްޖޭގެ ނޫސްވެރިޔަކާ އެކީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ ވީޑިއޯގެ މައްސަލާގައި އޭނާ އެކަން ދޮގުކުރައްވައިފި އެވެ.

އިއްޔެ އާންމުކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ ކުރިން ރާއްޖެ ޓީވީ އާއި ސަންގް ޓީވީގައި ވެސް މަސައްކަތްކުރި ނޫސްވެރިޔާ އަބްދުﷲ ނަސީރު ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ތަނެވެ. އެ ވީޑިއޯގައި އޭނާއާ އެކީ ފެންނަ މީހާ ސާފުނުވި ނަމަވެސް، އަޑުއަރާފައިވާ ގޮތުން އެ މީހަކީ ސައްލެ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ސައްލެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ފަަދަ އަމަލެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރާ ގޮތަށް ލިޔެ ދައުރުކޮށްފައި ވަނީ ހަގީގަތެއް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

ސިޓީގައި ސައްލެ ވިދާޅުވީ އޭނާ އަކީ އެތައް ރައްޔިތުންނެއް ތަމްސީލު ކުރައްވާ މެންބަރަކަށްވެފައި، އެތައް ބަޔަކަށް ރައްދުވާ ގޮތަށް ދީނުގައި ހަރާންކޮށްފައިވާ ފާހިޝް އަމަލެއް ހިންގި ކަމަށް ބުނެ ލިޔެފައިވާ ލިޔުމުގައި ފާހަގަކޮށްފައިވާ ކަންކަން ބެލެން އޮތް އެންމެ ރަނގަޅަކަށް ބަލަން ޖެހޭ ކަމަށެވެ. އަދި އެ ލިޔުމުގައި ހަވާލާދީފައިވާ ވީޑިއޯ އިން ނުވަތަ ފޮޓޯ އިން ފެންނަ އެކަކީ ކަނޑައެޅިގެން ކާކުކަން އެނގޭ ހާލަތުގައި އެ މީހަކާ އެކު، އެފަދަ އަމަލެއް ހިންގުމުގައި އޭނާ ބައިވެރިވެފައިވޭތޯ ބެލުމަކީ ފުލުހުންގެ ގާބިލުކަމަށް ބަލާ އިރު އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ވެސް ސައްލެ ވިދާޅުވި އެވެ.

"އަޅުގަނޑު ނުކުރާ ކަމެއް އެއީ ނުކުރާ ކަމެއް ކަމަށް ސާބިތުކުރުމަށް އަޅުގަނޑަށް ކުރެވޭނެ ކަމެއް ނެތް އިރު، އެފަދަ ކަމެއް ހިނގި ކަމަށް ބުނާ މިފަދަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއްގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ތިޔަ މުއައްސަސާގެ ޒިންމާއެއް ކަމުގައި ވެސް އަޅުގަނޑު ދެކެމެވެ،" ސިޓީގައިވެ އެވެ.

ސީޕީ އަށް ފޮނުއްވި ސިޓީގައި އޭނަ އަށް ތުހުމަތުކުރާ ކަންކަން ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް، އެފަދަ ކަމެއް ކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް ލިބިއްޖެ ނަމަ އޭނާގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅައި ދިނުމަށް ވެސް ސައްލެ އެދިވަޑައިގެންފައިވެ އެވެ.