އަންނަ މެއި މަހުގެ 19 ވަނަ ދުވަހު ބާއްވާ އޭއެފްސީ ޗެލެންޖް ކަޕަށް ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްޤީ ކުރުމަށް ހިންގާ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ސްޕީޑާއި މެދު ހިތް ހަމަޖެހޭ ކަމަށް ޔޫތު މިނިސްޓަރ މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.
އޭއެފްސީގެ ކޯޑިނޭޝަން ކޮމެޓީ އާއި އެކު އިއްޔެ ޒޯން ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާ ލެއްވުމަށް ޒިޔާރަތް ކުރުމަށްފަހު ވިދާޅުވީ މަސައްކްތުގެ ސްޕީޑާއި، މަސައްކަތް ކުރިއަށްދާ ގޮތާއި މެދު ހިތް ހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
މަލީހް ވަނީ އައްޑޫގެ ހުރިހާ ރަށްތަކެއްގެ ކުޅިވަރު ކުޅޭ ދަނޑުތަކަށް ޒިޔާރަތް ކުރައްވައި އެދަނޑު ތަކުގެ ފެންވަރު ބައްލަވާ ލައްވާފައެވެ. އަދި ކުޅިވަރު އެރީނާތައް އެޅުމަށް ބޭނުންވާ ބިންތައް ވެސް ވަނީ ބައްލަވާ ލައްވާފައެވެ.
އޭއެފްސީ ޗެލެންޖްގެ ގްރޫބް ބީގެ 4 ޓީމުގެ ޕްރެކްޓިސް ކުރުމަށް ހަމަޖެހިފައިވަނީ އައްޑޫގެ އަވަށްތަކުގެ ބައެއް ދަނޑު ތަކުގައެވެ.
މަލީހް ވަނީ އޭއެފްސީ ޓީމާއި އކެު ގޮސް ޕްރެކްޓިސް ބޭއްވޭނެ ދަނޑުތައް ބައްލަވާ ލައްވާފައެވެ.
ޒޯން ސްޓޭޑިއަމްގެ މަސައްކަތް ކުރަމުން އަންނަ އަމީން ކޮންސްޓަކްޝަނުން ބުނީ އެޕްރިލް 22 ދުވަހުގެ ނިޔަލަށް މަސައްކަތް ނިންމައި މިނިސްޓްރީ އާއި ދަނޑު ހަވާލު ކުރާނެކަމަށެވެ.


