ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 80 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފުރަތަމަ ޝިޕްމަންޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 107 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށި މަރާމާތު ކުރުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، ބަނދަރާއި ނެރު ފުންކުރުމާއި، ރޭމްޕެއް ހެދުމާއި، ވޯރކްވޭ ބްރިޖެއް ހެދުމާއި، ނެރުބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަަސައްކަތް ހިމެނެއެވެ.
މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 33.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.