Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު ޖުމްހޫރީ ޕާޓީ

ޖޭޕީން ރިޔާސީ ކެންޑިޑޭޓް އިއުލާން ކުރަނީ

ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބާ ގުޅިގެން ޖުމްހޫރީ ޕާޓީން މުހިންމު ކަމެއް އިއުލާނު ކުރުމަށް ތައްޔާރުވާން ފަށައިފިއެވެ.

ސަރުކާރު ކޯލިޝަންގައި ވެސް ހިމެނޭ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބާ ގުޅޭ މުހިންމު ކަމެއް އިއުލާނު ކުރުމަށް ތައްޔާރުވަމުން އަންނަކަން "އައްޑޫލައިވް"އަށް ވަނީ ކަށަވަރު ކުރެވިފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ޖޭޕީން ތައްޔާރު ވަމުން އަންނަނީ އެޕާޓީން 2023 ގެ ރިޔާސީ އިންތިހާބަށް ނެރޭނެ ކެނޑިޑޭޓް އިއުލާނު ކުރުމަށެވެ.

ޖޭޕީން ރިޔާސީ އިންތިހާބާ ގުޅޭ މުހިންމު ބޮޑު ނިންމުމެއް އިއުލާނު ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، އެޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ސޯޝަލްމީޑިއާގައި މިކަމާގުޅޭ ޕޯސްޓަރުތަކެއްވެސް ދައުރުކުރަމުންނެވެ.

މިކަންކަމާ ގުޅޭގޮތުން ޖޭޕީގެ އިސްތަރުޖަމާން އަލީ ސޯލިހާ ސުވާލު ކުރުމުން، ފަހުން ގުޅުއްވާނެ ކަމަށް ވިދާޅުވެ ސުވާލަށް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރިޔާސީ އިންތިހާބަށް ނުކުންނަވާނެކަން ހާމަކުރައްވާފައެވެ. އަދި އެކަން ކުރައްވާނީ ކޯލިޝަނާ އެކު ކަމަށް ވިދާޅުވިއެވެ.

އެއާއެކު ޖޭޕީން ވެސް ވަނީ އެޕާޓީން ވެސް ރިޔާސީ އިންތިހާބަށް ނިކުންނާނެކަން އިއުލާނު ކޮށްފައެވެ. އަދި ޖޭޕީން އެގޮތަށް އިއުލާނު ކޮށްފައި ވަނިކޮށް ރައީސް ސޯލިހް ވަނީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމާވެސް ބައްދަލުކުރައްވާފައެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެމްޑީޕީ ނެގުމަށްފަހު އެންމެ ބޮޑު ޕާޓީއަކަށް އޮތީ ޖުމްހޫރީ ޕާޓީއެވެ.