Last Updated: April 25, 20:50
Thursday, April 25, 2024
ޚަބަރު

ވީޑިއޯ ސައްހަ ނަމަ އެއީ ވަރުގަދަ ގަރީނާއެއް: ޖަމީލު

ވީޑިއޯއަކާ ގުޅޭ މައްސަލައެއްގެ ޝަރީއަތުގައި އެއީ ސައްހަ އެއްޗެއްކަން ސާބިތުވެއްޖެ ނަމަ އެ ވާނީ ވަރުގަދަ ސައްހަ ގަރީނާއަކަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތްކުރައްވާ ޖަމީލު ވީޑިއޯ ހެއްކަކަށް ފުދޭނެ ކަމާ ބެހޭ ގޮތުން ވާހަކަތަކެއް ދައްކަވާފައި މި ވަނީ ރާއްޖޭގައި ސިޔާސީ ގޮތުން ނުފޫޒު ގަދަ ބައެއްގެ ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވެ، އެ އެއްޗެހީގެ މައްސަލަ މިހާރު ފުލުހުން ބަލަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

އޭގެ ތެރެއިން އެއް ވީޑިއޯ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހަކު ބިދޭސީ ފިރިހެނަކާ އެކީ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެކެވެ. އަނެއް ވީޑިއޯ އަކީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ކަމަށް ތުހުމަތުކުރެވޭ މީހަކު ރާއްޖޭގެ ނޫސްވެރިޔަކާ އެކީ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯ އެވެ.

މި އެއްޗިއްސަށް އިޝާރާތްކުރައްވައި ޖަމީލު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އިސްލާމީ ޝަރީޢަތަށް އެއީ ސައްހަ ވީޑިއޯއެއް ކަމަށް ސާބިތުވެއްޖެ ނަމަ އެ ވީޑިއޯ ވާނީ ސއްހަ ވަރުގަދަ ގަރީނާ ހެއްކަކަށް ކަމަށެވެ.

"އެ ޙާލަތުގައި [އެ ވީޑިއޯއަކުން ފެންނަ ބަޔަކު] ތައުޒީރުކުރެވޭނެ. ކުށުގެ ބާވަތުންތައުޒީރު. [އެއީ] ޙައްދަށް ވުރެ ހަރުކަށި ވެސް ވެދާނެ. މިކުށަށް ރާއްޖޭގައި ތަޢުޒީރީ އަދަބު ވެސް ދެވޭ."

އާންމުވި ދެ ވީޑިއޯއާ ގުޅިގެން ނާޒިމާއި ސައްލެ ވެސް ވަނީ އެ އެއްޗެހިން ފެންނަނީ އެ މީހުން ނުން ކަމަށް ބުނެފަ އެވެ. މި ވީޑިއޯތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމަށް ބެލެވޭ މީހަކު ބަރަހަނާ ހާލުގައި އިތުރު ދެ ދެ މީހަކާ އެނދެއްގެ މަތީގައި އޮންނަ މަންޒަރު ފެންނަ ފޮޓޯއެއް ވެސް އާންމުވެފައިވެ އެވެ.